ރޯދަމަސް ފެށޭއިރު އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެސް އަގުހެޔޮކޮށް ވިއްކުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، ރޯދަމަހާ ދިމާކޮށް ވަކީން ހާއްސްކޮށް، ކާބޯތަކެތީގެ އަގު ހެޔޮވާނެ ގޮތްތައް ހައްދަވައިދެއްވުން އެދި މީހަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރޯދަމަސް ފެށޭއިރު އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެސް އަގުހެޔޮކޮށް ވިއްކުމުގެ މަސައްކަތް މިހާރު ފެށުމުގެއިތުރުން ވެސް ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށް އިތުރު މަސައްކަތްތައް ކުރައްވާނެކަމަށެވެ.
" މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވަނީ އެސްޓީއޯއިން، އަދިވެސް އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގުތައް ހެޔޮކުރުމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް ރާއްޖޭގައި އުފެއްދޭގޮތް ގާއިމުކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭރުން ކާބޯތަކެތީގެ އަގު ވެސް ދަށްވާނެކަމަށެވެ.
"ކުރިއަށް އޮތް މުސްތަޤްބަލުގައި މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭންއަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް ރާއްޖޭގައި އުފެއްދޭގޮތް ގާއިމްކޮށް، ފުޑު ސެކިއުރިޓީ ޔަޤީންކުރުން، އޭރު އަގުވެސް ދަށްވެގެންދާނެ، އަދި ކޮއަންޓިޓީވެސް ޔަޤީންވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.