ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރުމަށް، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 23 އިން ފެށިގެން ހުޅުވާލައި، 14 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ޖުލައި 23 އިން އޮގަސްޓް 7 އަށް އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިން ބަލައިގަންނާނެ ކަމަށެވެ.
[embed]https://twitter.com/IsmailHabeeb/status/1672415332177420288[/embed] އިސްމާއީލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުވި ނަމަވެސް ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި ގުރުއަތުލުން އޮންނާނީ ކެމްޕޭންކުރުމަށް 30 ދުވަސް ލިބޭގޮތަށް ކަމަށް ވެސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ. " ރިޔާސީ އިންތިޚާބުގެ މުހިންމު ތާރީޚުތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން. ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަދުވަހު " އިސްމާއީލް ހަބީބް ވިދާޅުވިއެެވެ.އިންތިހާބަށް ވާދަކުރުމުގެ ފޯމު ހުށަހަޅަން ކުރިން ދެނީ 10 ދުވަހެވެ. އެކަމަކު ހަތަރު ދުވަސް އިތުރުކޮށް އެ މުއްދަތު 14 ދުވަހަށް ވަނީ ބަދަލުކޮށްފަ އެވެ.
މިއަހަރުގެ ރިޔާސި އިންތިހާބުގައި 283،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވާ ކަމަށް އީސީއިން ވަނީ ބުނެފައެވެ. މިހާތަނަށް އިންތިހަބުގައި ވާދަކުރައްވާ ކަން އިއުލާނު ކުރައްވާ ފައިވަނީ، އެމްޑީޕީގެ ޓިކެޓުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމް އަދި އެމްއެންޕީ އިން މުހައްމަދު ނާޒިމް އެވެ. މީގެ އިތުރުން، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާނީ ކުރީގެ ރައީސް ޔާމީން ކަމުގައި އެޕާޓީން ދަނީ ބުނަމުންނެވެ. އެމަނިކުފާނު ގެންދަވަނީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.






