މާލެ: 31°C

ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ބާރުނާޅާނޭ ބުންޏަސް މީހުން ގަބޫލެއް ނުކުރާނެ: އިލްހާމް

February 14, 2023
2 ފަހަރު ބަލާފައި
ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ބާރުނާޅާނޭ ބުންޏަސް މީހުން ގަބޫލެއް ނުކުރާނެ: އިލްހާމް
ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ބާރުނާޅާނޭ ބުންޏަސް މީހުން ގަބޫލެއް ނުކުރާނެ: އިލްހާމް
ކުރިއަށް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ( ޖޭޕީ)ން ކެންޑިޑޭޓަކު ނެރެން އެޕާޓީގެ އެތެރޭން ބާރު ނާޅާނޭ ބުންޏަސް، މީހުން އެވާހަކަ ގަބޫލު ނުކުރާނެ ކަަމަށާއި، އެޕާޓީގައި ތިއްބެވި ސިޔާސީ ފަރާތްތަކުގެ އުއްމީދު އެހާ މަތި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ. ޖޭޕީގެ ލީޑަރު ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެޕާޓީގެ ކައުންސިލް މެމްބަރުން ބާރުއަޅުއްވާ ކަމަށް ބައެއް މީޑިއާ ތަކުން މިއަދު ރިޕޯޓް ކުރި އެެވެ. އެ ޕާޓީން މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެކަމާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްހާމް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ބޭފުޅުން ތިއްބެވީ ޖޭޕީގައި ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެބޭފުޅުން އުއްމީދުކުރައްވާނެ ކަމަށެވެ. ޖޭޕީގައި ތިއްބެވި ސިޔާސީ ތަޖުރިބާކާރުންގެ އުއްމީދަކަށް ވާނީ ގާސިމް ނުވަތަ އެހެން ބޭފުޅަކު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެ އިންޓަރެސްޓް ހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. އެހެންވީމާ އެއަށް އަޅޫގަނޑުމެން ނޫނެކޭ ބުންޏަސް ތިޔަ ބޭފުޅުން ގަބޫލެއް ވެސް ނުކުރާނެ،" އިލްހާމް ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން ޖޭޕީން އަދި ގޮތެއް ނުނިންމާ ކަމަށާއި އެކަން ނިންމާނީ މިމަހުގެ ފަހުކޮޅު ބާއްވާ ނެޝަނަލް ކޮންފަރެންސްގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖޭޕީ އަދި އޮތީ ކޯލިޝަނެއްގައި ކަމަށާއި އެކަން ކުރިއަށް ދާ ގޮތާ މެދު ޕާޓީގެ މެމްބަރުން ތިބީ އުފަލުންތޯ ނޫންތޯ އެއީ އުފެދިދާނެ ސުވާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑުމެންގެ އުއްމީދުތަކާ ގުޅިފައޭ ވަނީ މިޕާޓީއާ، ހުރިހާ ބޭފުޅުންގެ ވެސް. އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ ކޮންގްރެސް ނިމި، ކޮންގްރެސް އިން އަލަށް އެކުލަވައިލެވޭ ކައުންސިލަކީ ވަރަށް ބޮޑު ބޮޑީއަކަށް ވާނެ. އެ ބޮޑީ ތެރެއިން އެ ނިންމަވާ ބޭފުޅަކު ނިންމަވައިފި ނަމަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާނެ،" އިލްހާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީން ނުކުންނަަވާނީ ކޮން ބޭފުޅެއްކަން ދަންނަވަން އަދި ދަތިކަމަށާއި އެކަން ނިންމާނީ އަލަށް އުފެދޭ ކައުންސިލުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ