ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 6،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވީ ޤައުމުގެ އިޤްތިޞާދު، އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އަދި ވަކިން ޚާއްޞަކޮށް، ބޭރު ފައިސާގެ މައްސަލަ ޙައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ، ރާއްޖޭގައި ޒަމާނުއްސުރެ އޮތް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށާއި، އެ ގޮތުން އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ޤަވާއިދާ ޚިލާފަށް އުޅެމުންގެންދާ 6000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށާއި، އެފަރާތްތަކުގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު، ބައޯމެޓްރިކްސް ނެގުމަށް "އޮޕަރޭޝަން ކުރަނގީގެ" ނަމުގައި އޮޕަރޭޝަނެއް ފަށައި، ހަލުވިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި މި ވަގުތުވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 43,294 ބިދޭސީންގެ މަޢުލޫމާތު އޮޕަރޭޝަން ކުރަނގިން އެއްކޮށްފައިވާ ކަމަށާއި، އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ތަޢާރަފުކުރެވި، މިހާތަނަށް އިމިގްރޭޝަން ވޮޗަށް 1297 މައްސަލަ ހުށަހަޅާފައިވާއިރު މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލަކަން ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.







