2026 ވަނަ އަހަރުގެ 2 ވަނަ ކުއާޓާރ އިން ފެށިގެން ކްރެޑިޓް ކާޑު ލިމިޓު ވެސް 750 ޑޮލަރުން 1،400 ޑޮލަރަށް ބޮޑު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ހާއްސަ އިސްކަމެއް ސަރުކާރުން ދެއްވާ ކަމަށާއި އެކަން ހައްލު ކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތަންފީޒުކޮށްފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ރިޒާވުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި، ކްރެޑިޓް ކާޑު ލިމިޓު ވެސް 750 ޑޮލަރުން 1،400 ޑޮލަރަށް ބޮޑު ކުރާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުވަމުންދާ ވަރަކުން އެކަމުގެ ފައިދާ ރައްޔިތުންނަށްކޮށް، ފުދުންތެރިކަން އިތުރު ކުރެވޭނެ ކަމަށެވެ.
މި ގާނޫނު ތަންފީޒުކުރުމުގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަން ޖެހޭ އެންމެހާ ވިޔަފާރިތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު ބޭންކުތަކަށް މާރުކުރަންޖެހޭނެއެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރުން ބޭންކްތަކަށް މާރުކުރަން ޖެހޭނެއެވެ.







