އައްޑޫ ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ އައްޑޫ ލިންކް ރޯޑްގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، މަގު މިހާރު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށާއި އެކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ އާއި ކަންބޮޑުވުން އެމަނިކުފާނަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި އައްޑޫސިޓީގެ ލިންކް ރޯޑް ހެދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް އައްޑޫ ސިޓީގެ ލިންކް ރޯޑުގެ މަސައްކަތް އެ އަހަރު ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ފަހުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލް ވަނީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމައިވާކަމަށްވެސް މިދިޔަ އަހަރު ވިދާޅުވެފައެވެ.







