މާލެ: 31°C

ރިހީގެ އަގުބޮޑުވެ، މުދަލު ޒަކާތުގެ ނިސާބު ބަދަލުވެއްޖެ

January 31, 2023
2 ފަހަރު ބަލާފައި
ރިހީގެ އަގުބޮޑުވެ، މުދަލު ޒަކާތުގެ ނިސާބު ބަދަލުވެއްޖެ
ރިހީގެ އަގުބޮޑުވެ، މުދަލު ޒަކާތުގެ ނިސާބު ބަދަލުވެއްޖެ
ދުނިޔޭގެ މާލީ ބާޒާރުގައި ރިހީގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު (އެ އަދަދަކަށް ފައިސާ ހުންނަތާ އަހަރެއް ވުމުން ޒަކާތް ނެރެން ވާޖިބުވާ އަދަދު) ބަދަލުކޮށްފި އެވެ. އިއްޔެއާ ހަމަށް ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަމަށް ދައުލަތުން ކަނޑައަޅާފައި އޮތީ 5،777 ރުފިޔާ 45 ލާރި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިއްޔެއިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބަކީ 7،062 ރުފިޔާ 65 ލާރި ކަމަށެވެ. މުދަލު ޒަކާތުގެ ގޮތުގައި ނެރެން ޖެހޭނީ އެ އަދަދު ނުވަތަ އެއަށް ވުރެ އިތުރު އަދަދަކަށް މީހެއްގެ އަތުގައި ފައިސާ ހުންނަތާ ހިޖުރީ ގޮތުން އަހަރެއް ވުމުން އެ ފައިސާގެ 10 ބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓެވެ. އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މުދަލު ޒަކާތުގެ ނިސާބު އަލުން ކަނޑައެޅީ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ. މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ރަނާއި ރިހީގެ އަގުންނެވެ. ރަނުން ނަމަ އެއީ ޚާލިސް ރަނުގެ 85 ގްރާމެވެ. ރިހިން ނަމަ 595 ގްރާމެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކީ ހުކުރު ހުތުބާަގައި ވާ ގޮތުން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ރިހީގެ އަގުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި ރަނާއި ރިހި ނެރުމުގެ ބަދަލުގައި އެ ދެބާވަތުގެ އަގަށްވާ ފައިސާ، އެގައުމެއްގެ ފައިސާއިން އަގުކޮށްގެން ނެރުމަކީ ވަރަށް ކުރިއްސުރެ އިސްލާމީ ގައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލެކެވެ. ހުތުބާގައި ކިޔައިދިން ގޮތުގައި އެގޮތަށް އަމަލުކުރަނީ އެއީ ފަގީރުންނަށް ފައިދާ ބޮޑު ގޮތް ކަމަށް ވާތީ އެވެ. ދުނިޔޭގެ މާލީ ބާޒާރުގައި ރިހީގެ އަގު މިފަހުން އުފުލެން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެގޮތުން މިހާރު ރިހީގެ އަގު ހުރީ އައުންސެއް 24 ޑޮލަރަށެވެ. އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި މުދަލު ޒަކާތް ނެރެން ނަސޭހަތްތެރި ވެފައި ވާއިރު، މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކީ ހުކުރުޚުތުބާ ވެސް ހާއްސަކޮށްފައި އޮތީ ޒަކާތް ދިނުމުގެ ވާޖިބުކަން ހަނދާންކޮށްދިނުމާއި އެކު ޒަކާތް ނުނެރޭ މީހުންނަށް ހުރި އަޒާބުގެ ވާހަކަ އަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ