އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އަނެއްކާވެސް އެޖެންޑާ ކޮށްފިއެވެ.
މި މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކޮށްފައިވަނީ މިދިޔަ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށްވީ ނަމަވެސް ރިފްއަތު މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، އެކަމާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގެ ލަފާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި، އެދުވަހުގެ ޖަލްސާގައި އެމައްސަލަ އިތުރަށް ކުރިއަށް ގެންދަވާފައެއް ނުވެއެވެ.
އެގޮތުން ބުދަދުވަހުގެ ޖަލްސާގައި އެ ޖަވާބު އިއްވާފައިނުވާކަން ފާހަގަކުރައްވަމުން ރިއްފަތު ވިދާޅުވީ، ގާނޫނުއަސާސީގެ ދަށުން ލިބިދޭ އަނގަ ބަހުން ޖަވާބުދާރީވުމުގެ އިހުތިޔާރު ބޭނުންކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެއަށްފަހު އޭނާ އެދިވަޑައިގަތީ އެ މަައްސަލައިގެ ބަހުސް އޮންނަ ދުވަހު އެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ. ގާނޫނު އަސާސީ ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެ ކަން އަންގާންވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ. ލިޔުމުން ހުށަހެލޭނީ ކިތާބީ ހެކިކަމަށާއި އަނަގަބަހުން ޖަވާބުދާރީ ވާން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ރިފްއަތު އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތީ އެ މައްސަލާގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ކަމުގެ ހަގީގަތް ހާމަކޮށްދެވޭނީ ލިޔުމުން ޖަވާބުދާރީވެވަޑައިގަންނަވާތީ ކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް އިއްޔެގެ ޖަލްސާ ނިމިގެން ދިޔައީ ލިޔުމުން ޖަވާބުދާރީވުމުގެ ހައްގުވެސް ލިބިވަޑައިނުގެންކަން ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން މަޖިލީހުގައި ދެން މިމައްސަލަ ކުރިއަށް ގެންދާ ދުވަހަކުން އަނގަބަހުން ޖަވާބުދާރިވެވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.






