މާލޭގައި ހުރި ގެއެއްގައި ސިނގިރޭޓް އުފައްދަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ރޭ ފުލުހުންގެ ޖެހި ރެއިޑްގައ އެ ގެއިން 103 ކާޑުބޯޑް ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މަޢުލޫމާތުގައިވާ ގޮތުން، ހެންވޭރުގައި ހުންނަ ގެއެއްގެ ތެރޭގައި ހުރި ޕްރައިވެޓް އޮފީހެއްގައި ސިނގިރޭޓް އުފައްދަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށްފައިވެ އެވެ.
އެ ރެއިޑްގެ އަދާހަމަ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރަމުން ފުލުހުން ބުނީ އެ އޮފީހަށް ޖެހި ރެއިޑްގައި 103 ކާޑުބޯޑް ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް އޭގެއިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރި އެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ޤާނޫނުގެ ދަށުން، ރާއްޖޭގައި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެކެވެ. އަދި މިފަދަ ކަމެއް ކުރާ ފަރާތްތަކަށް ޤާނޫނުގައި ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައިވެ އެވެ.







