މާލެ: 31°C

ރީޑިން ނުނަގާ ބިލް ފޮނުވާކަމަށްބުނެ އޮންލައިން ނޫހަކުން ޖެހި ހަބަރު ސްޓެލްކޯއިން ދޮގުކޮށްފި

ރީޑިން ނުނަގާ ބިލް ފޮނުވާކަމަށްބުނެ އޮންލައިން ނޫހަކުން ޖެހި ހަބަރު ސްޓެލްކޯއިން ދޮގުކޮށްފި
May 2, 2023
2 ފަހަރު ބަލާފައި
ރީޑިން ނުނަގާ ބިލް ފޮނުވާކަމަށްބުނެ އޮންލައިން ނޫހަކުން ޖެހި ހަބަރު ސްޓެލްކޯއިން ދޮގުކޮށްފި
ސްޓެލްކޯއިން މީޓަރު ރީޑިން ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާކަމަށް، ދިޔަރެސް ނޫހުން ޝާއިއުކޮށްފައި ވަނީ އެެއްވެސް އަސާސެއް ނެތިކަމަށް ސްޓެލްކޯއިން ބުނެފިއެވެ. "މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފި" މި ސުރުހީގެ ދަށުން މިމަހު 1 ގައި ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެން މިއަދު ސްޓެެލްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ނޫހުން ކޮށްފައި ވަނީ ހަގީގަތާއި ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ. " މި ހަބަރަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު، ދޮގު މައުލޫމާތު ހިމަނައިގެން މިކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ހަބަރެއްކަމަށް ފާހަގަކުރެވެއެ" ސްޓެލްކޯގެ ބަޔާނުގައިވެ އެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކަރަންޓުބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށްކަމަށެވެ. " މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރައްކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެއެވެ. މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިންގ) ފެންނަން ހުންނާނެއެވެ." ސްޓެލްކޯގެ ބަޔާނުގައި ބުންޏެވެ. ކޮވިޑް-19 ގެ ހާލަތުގައި މީޓަރުގެ ރީޑިންގ ނެގުމަށް އަމަލުކުރި ގޮތް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކުރީގެ ވެސް ގެންގުޅުނު އާންމު އުސޫލަށް އިޔާދަވެފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ. އެހެންކަމުން، ކޮވިޑް-19ގެ  ހާލަތުގައި ކަރަންޓު ރީޑިންގ ނެގުމަށް  އަމަލުކުރި އުސޫލަށް މިހާރުވެސް ރީޑިން  ނަގާކަމަށް އެ ހަބަރުގައި އޮތް އޮތުމަކީ ކަމުގެ ހަގީގަތް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް އެކުންފުނިން ދެކޭކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އޭގެ އިތުރުން، ސްޓެލްކޯއިން ބުނީ ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށާއި އެކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް އެކުންފުނިން ހޫނު މޫސުމުގައި އާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިސާދު ކުރުމަށް އިލްތިމާސްކުރާ ކަމުގައެވެ. [embed]https://twitter.com/STELCOMALDIVES/status/1653352933671723011[/embed] މިއަހަރުވެސް ހޫނު މޫސުމާ ގުޅިގެން، އާންމުން ހޭލުންތެރި ކުރުވުމަށް، ނޫސްވެރިންނަށް ހާއްސަކޮށްގެންވެސް މައުލޫމާތު ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ. ބިނާ ކުރުވަނިވި ފާޑުކިޔުމަށާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް އެކުންފުނިން މަރުހަބާކީ ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ އެކުންފުނިން ބަލައިގަންނާނެ ކަމެއްނޫންކަމަށް ސްޓެލްކޯއިން ބުންޏެވެ. " އެއީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އަސާސްތަކެއްވެސް ނޫނެވެ. އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މި އަސާސްތައް ދެމެހެއްޓުމަށް އިލްތިމާސްކުރަމެވެ." ސްޓެލްކޯގެ ބަޔާނުގައިވެއެވެ. އޭޕްރީލް މަހު ރާއްޖޭގެ ހޫނުމިން މައްޗަށް ދިއުމުން، ކަރަންޓު ބިލް ބޮޑުވާނެތީ، ކަަރަންޓު އިގްތިސާދުކުރުމަށް ސްޓެލްކޯއިން ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ