ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި 241 (ގައުމީ ސަލާމަތާބެހޭ) ކޮމެޓީން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވަކިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު އަކީ ރައްޔިތުންގެ މަޖިލީހުގެ އެއްމެ މުހިއްމު 2 ކޮމެޓީ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި 241 (ގައުމީ ސަލާމަތާބެހޭ) ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަޒާން މިހާރުވަނީ އެ 2 ކޮމެޓީން ވެސް ވަކިކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު 2 ކޮމެޓީން އަޒާން ވަކިކޮށްފައި މިވަނީ މިވަނީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޯޓް ތަކާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވީޓް ނުދެއްވި މައްސަލާގައިކަމަށް ބެލެވެއެވެ. އެ މައްސަލާގައި މީގެ ކުރިން އަޒާން ވަނީ ޕީއެންސީގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕުންވެސް ބޭރުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި 241 (ގައުމީ ސަލާމަތާބެހޭ) ކޮމެޓީން އަޒާން ވަކިކުރެއްވުމަށްފަހު އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. އަދި 241 ކޮމިޓީއަށް ޕީއެންސީން ހަމަޖެއްސީގެ ފަރާތުން ހަމަޖައްސާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި 241 (ގައުމީ ސަލާމަތާބެހޭ) ކޮމެޓީން އަޒާން ވަކިކުރުމަށްފަހު އެހެން 2 ކޮމެޓީއަކަށް އަޒާން ވަނީ ހަމަޖައްސާފައެވެ. އެ 2 ކޮމެޓީއަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމެޓީއާއި، ޕެޓިޝަން ކޮމިޓީ އެވެ.







