މާލެ: 31°C
ރައްޔިތުންނަށް އެންމެ ބޭނުންވާނީ އަމާން ވެއްޓެއް: ނައިބު ރައީސް

ރައްޔިތުންނަށް އެންމެ ބޭނުންވާނީ އަމާން ވެއްޓެއް: ނައިބު ރައީސް

August 2, 2023
2 ފަހަރު ބަލާފައި
ރައްޔިތުންނަށް އެންމެ ބޭނުންވާނީ އަމާން ވެއްޓެއް: ނައިބު ރައީސް
ގައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާން ވެއްޓެއް ގާއިމުވެފައި އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ 35 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއްކަމަށް ނުދެކި، ގައުމުގެ ތަރައްގީއާއި އަމާންކަން ބޭނުންވާނަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ގަބޫލުކޮށް ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގައި އެންމެން މަސައްކަތްކުރަންޖެހޭކަމަށެވެ. އެގޮތުން ގައުމެއްގައި ފުލުހުންގެ ހިދުމަތަކީ މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ، ގައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާއި ހުރިހާ ރައްޔިތުން ހިމާޔަތްކުރެވިފައިވާ ވެއްޓެއް ގާއިމުވެފައި އޮތުންކަމަށާއި، އަދި އެ މަސައްކަތުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ފުލުހުންކަމަށެވެ. މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ހަމައެއާއެކު ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ރައްޔިތުންގެ އިތުބާރު ހޯދައި، ޒަމާނަށް އަންނަ ބަދަލުތަކާ އަރައި ހަމަކުރުމަށްޓަކައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށާއި ޒަމާނީ ވަސީލަތްތައް ހޯދައި އުމްރާނީ ވަސީލަތްތައް އިތުރުކުރުމާއި ޒަމާނާ އެއްގޮތަށް ފުލުހުންގެ ހިދުމަތް ބައްޓަންކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ތަފާތު އެކި ގޮންޖެހުންތަކާއެކު ރެއާއި ދުވާލު ރައްޔިތުންނަށް އަމާންކަން ގާއިމުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތައް ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ