މާލެ: 31°C
ރައްޔިތުންގެ މަޖިލީޙުން ބުނީ، ސްޕްރީމް ކޯޓުގެ އަމުރަށް ތަބާވެވެން ނެތްކަމަށް

ރައްޔިތުންގެ މަޖިލީޙުން ބުނީ، ސްޕްރީމް ކޯޓުގެ އަމުރަށް ތަބާވެވެން ނެތްކަމަށް

February 11, 2024
3 ފަހަރު ބަލާފައި
ރައްޔިތުންގެ މަޖިލީޙުން ބުނީ، ސްޕްރީމް ކޯޓުގެ އަމުރަށް ތަބާވެވެން ނެތްކަމަށް
ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭގޮތަށް މަޖިލީޙުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާވެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ ރައީސް ވަކިކުރުމަށް ޓަކައި ހުސްގޮނޑިތައް ނުގުނާ ގޮތަށެވެ. ސްޕްރީމް ކޯޓުން ވަނީ މިދިޔަ ބްރާސްފަތި ދުވަހު، އެ އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް އަމުރެއް ނެރެފައެވެ. މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އަމުރާގުޅޭގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ވަގުތީ އަމުރަށް ތަބާވާނީތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. މި ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ސްޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމަށެވެ. ވޯޓު ނެގުމުގެ ކުރިން ސްޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އަމުރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެ އަމުރުގައި ގަވައިދަށް ގެނެސްފައިވާ އިސްލާހު ގާނޫނު އަސާސީއާ ހިލާފުކަމަށް ކޯޓުން ކަނޑައަޅާފައި ނުވާކަން ފާހަގަ ކުރައްވާފައެވެ. ރައީސް މަގާމުން އަޒުލުކުރެވޭގޮތަށް މަޖިލީހުގެ ގަވައިދަށް އެ އިސްލާހުތައް ބާތިލްކުރުމަށް ހުށަހަޅާފައިވަނީ ސަރުކާރުންނެވެ. ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކުކުރެވޭނީ ރައްޔިތުން މަޖިލީހުގެ ތިންބައި ކުޅަ ދެބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ގެނައި ބަދަލުގައިވާގޮތުން ރައީސް ވަކިކުރުމަށް ޓަކައި ހުސްގޮނޑިތައް ނުގުނާ ގޮތަށެވެ. ރައްޔިތުން މަޖިލީހުގައި މިވަގުތު 7 ގޮނޑިއެއް ވަނީ ހުސްވެފައެވެ. ރައީސް މަގާމުން އަޒުލުކުރެވޭގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އެ އިސްލާހަށް ބަލާއިރު، އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ރައީސް ވަކިކުރުމުގެ ފުރުސަތު އެބައޮތެވެ. މި މައްސަލައިގައި ސްޕްރީމް ކޯޓުން އެ އަމުރު ނެރުއްވާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އެ ފަނޑިޔާރުންގެ ރައުޔުގައި ބުނެފައިވަނީ، އާއްމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ