ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ލީ ޗޭންއާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ަޗައިނާ އެހީގެ މަޝަރޫއު ތަކާ މެދު މަޝްވަރާކުރައްވައިފި އެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅުންނާއި ޗައިނާގެ ވަފުދެއް ވެސް ބައިވެރިވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އީ ކޮމާސްގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށާއި ޗައިނާގެ އެހީގައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރަވާ ކުރި ކަމަށެވެ. މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ރަސްމާލެ މަޝްރޫއާއި ވެލާނޭ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ.
ރަސްމާލޭގައި ސޯޝަލް ހައުސިން ޕްރޮޖެކްޓެެއް ހިންގުމަށް "އެމްއޯޔޫ އޮން ސޯޝަލް ހައުސިން ޕްރޮޖެކްޓް އިން ފުށިދިއްގަރު ފަޅު" ގެ ނަމުގައި ދެގައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.އެހެން ގިނަ ދާއިރާތަކަކުން ރާއްޖެއަށް ޗައިނާއިން އެހީވުމަށް ބޮޑުވަޒީރު ހުށަހެޅުއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ސްކޮލާޝިޕް ފުރުސަތުތައް، ވޮކޭޝަނަލް ޓްރެއިނިން، ކުޅިވަރު ޓްރެއިނިން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އިން އެކުގައި މަސައްކަތް ކުރުމުގެ އިތުރުން، އަދި މޫސުމާ ބެހޭ ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމު އެކުގައި މަސައްކަތް ކުރުމެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓު ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގެންނަވަ އެވެ.






