މާލެ: 31°C
ރަސްމާލެ ހިއްކަން ފެށުނީ ފުރަތަމަ އެތަނުން ވެލިވެސް ލިބޭތޯ ނުބަލައި: މުއްތަލިބު

ރަސްމާލެ ހިއްކަން ފެށުނީ ފުރަތަމަ އެތަނުން ވެލިވެސް ލިބޭތޯ ނުބަލައި: މުއްތަލިބު

March 20, 2024
3 ފަހަރު ބަލާފައި
ރަސްމާލެ ހިއްކަން ފެށުނީ ފުރަތަމަ އެތަނުން ވެލިވެސް ލިބޭތޯ ނުބަލައި: މުއްތަލިބު
އަދުގެ ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫޢުކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ކުންފުނިން އެ މަޝްރޫޢު ފަށާފައިވަނީ އެތަން ހިއްކުމުގައި ބަލަންޖެހޭ މުހިއްމު ބައެއް ކަންކަމަށް މާބޮޑަށް ބެލުމެއްނެތިކަމަށް ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ އުމްރާނީ މަސައްކަތްތައް ކުރިއަށްދާ ގޮތާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު ހުއްޓިފައިވާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް މިވަގުތަށް ހުއްޓިފައިވާކަމަށާއި، އެކަން އެހެން ވުމުގައި މައިގަނޑު ދެ ކަމެއް އުޅޭ ކަމަށެވެ. މީގެ ތެރެއިން އެއް ކަމަކީ ރަސްމާލެ ހިއްކާ ސަރަހައްދުގައި އެ މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ ވެލި ނެތްކަމަށް އެ މަސައްކަތް ކުރައްވާ ފަރާތުން މައުލޫމާތު ދީފައިވާކަމަށެވެ. ކުރިން ޕްލޭންކޮށްފައި އޮތީ ހިއްކަން ފެށުމަށްފަހު ވެލި ހޯދާގޮތަށް ނަމަވެސް، އެތަނުން ވެލި ލިބެން ނެތުމުން އެހެން ސަރަހައްދަކުން ވެލި ހޯދުމަށް އެކްސްޓެންޝަލްކޮށް ސޭންޑް ސާޗް ކެމްޕޭނެއް ކުރިއަށް ގެންދަން ނިންމާފައިވާކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބޮސްކާލީސް ކުންފުނިން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޑްރެޖަރެއް ނެތުމަކީވެސް ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތް އެއް ސަބަބުކަމަށާއި، މަސައްކަތް ކުރާ ކުންފުނީގެ ވިސްނުންހުރީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ނިމުނުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށްވެސް މިނިސްބޓަރު މުއްތަލިބު ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރުމަށް ބޮސްކާލިސް ކުންފުނިން ބޭނުންވި އެއް ސަބަބަކީ އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްގެން ރަސްމާލެ ހިއްކަން އުޅެފިނަމަ އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވާތީކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑީސެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ. އެ މަޝްރޫއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ ކުންފުންޏަށް ދެނީ 70 ހެކްޓަރުގެ ބިމެކެވެ. އެއީ ފުށިދިއްގަރުފަޅު ހިއްކައިގެން ލިބޭ 1093 ހެކްޓަރުން ބިމުގެ ތެރެއިން 60 ހެކްޓަރުގެ ބިމަކާއި، ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައިވާ 10 ހެކްޓަރު ގެ ބިމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ