މާލެ: 31°C

ރަސްފަންނާއި ސަލްޓަންޕާކް މަރާމާތުކުރުމަށް ދަނީ ތައްޔާރުވަމުން: މާލޭ ސިޓީ ކައުންސިލް

February 14, 2025
168 ފަހަރު ބަލާފައި
ރަސްފަންނާއި ސަލްޓަންޕާކް މަރާމާތުކުރުމަށް ދަނީ ތައްޔާރުވަމުން: މާލޭ ސިޓީ ކައުންސިލް
ރަސްފަންނާއި ސަލްޓަން ޕާކު މަރާމާތުކުރަން ތައްޔާރުވަމުން ދާކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެފި އެވެ.

ރަސްފަންނާއި ސަލްޓަން ޕާކު މަރާމާތުކުރަން ތައްޔާރުވަމުން ދާކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްފަންނަށް ކުރެއްވި ޒިޔާރަތަށް ފަހު އެމަނިކުފާނު ވަނީ އެތަނާއި ސަލްޓަންޕާކު އޮތް ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން އެތަން ވީރާނާ ވަމުންދާކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަލުން އަނބުރާ ގެނެސްދެއްވާނެ ކަމަަށް ވައުދުވެވަޑައިގެންފަ އެވެ.

ރައީސް އެފަދައިން ވިދާޅުވިތާ މަދު ގަޑިއިރެއްގެ ތެރޭގައި މާލޭ ސިޓީ ކައުންސިލްއިން އެކްސްގައ ބުނީ ސަލްޓަން ޕާކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.

އެގޮތުން ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންފައިވާ ކަމަށް ވެސް ސިޓީ ކައުންސިލްއިން ބުނެފައި ވެއެވެ.

"[ރަސްފަންނުގެ] ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް ވަނީ އަންގާފައެވެ." މާލޭ ސިޓީ ކައުންސިލްއިން އެކްސްގައި ބުނެފައި ވެއެވެ.

މޭޔަރ އާޒިމްއާ ހަވާލާދީ މީޑިއާއަކުން ހާމަކޮށްފައިވާ ގޮތުގައި ވަރަށް ފަހަކާ ޖެހެންދެން ރަސްފަންނު އޮތީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ. މިގޮތުން ރައީސް މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ރަސްފަންނުގެ އެއްބައި އޮތީ ކުރިން އެމްޓީސީސީގެ ބެލުމުގެ ދަށުގައި ކަމަށާއި، މެދުތެރެ އޮތީ އެމްޑަބްލިއުއެސްއީގެ ބެލުމުގެ ދަށުގައި ކަމަށާއި، އަނެއް ބައި އޮންނަނީ ވަށަފަރު މީހަކާ ހަވާލުކޮށްފައިކަމަށް އާޒިމްއާ ހަވާލާދީ ލިޔެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްއިން ބުނީ ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުވެސްކޮސްފައިވާ ކަމަށެވެ. އަދި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ސިޓީ ކައުންސިލްއިން ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ