މާލެ: 31°C
ރަމަޟާންމަހަކީ މުސްލިމުންގެ ކާމިޔާބީތަކާ ގުޅިފައިވާ މައްސަރެއް: ޚުޠުބާ

ރަމަޟާންމަހަކީ މުސްލިމުންގެ ކާމިޔާބީތަކާ ގުޅިފައިވާ މައްސަރެއް: ޚުޠުބާ

March 29, 2024
3 ފަހަރު ބަލާފައި
ރަމަޟާންމަހަކީ މުސްލިމުންގެ ކާމިޔާބީތަކާ ގުޅިފައިވާ މައްސަރެއް: ޚުޠުބާ
ރަމަޟާންމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރު ކަމަށާއި، ﷲ ވަނީ އެ މައްސަރުގެ ތެރޭގައި އިސްލާމީ އުއްމަތަށް ގިނަ ގުނަ ކާމިޔާބީތަކެއް ދެއްވާފައިވާކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ކީރިތި ރަސޫލާ ހަޔާތްޕުޅުގައި ރަމަޟާންމަހު މުސްލިމުންނަށް ލިބިގެންދިޔަ މުހިއްމު ބައެއް ކާމިޔާބީތަކުގެ މައްޗަށެވެ. ރަމަޟާންމަހު މުސްލިމުންނަށް ލިބުނު ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަކުރެވިގެން ގޮސްފައިވަނީ ބަދުރު ހަނގުރާމައިގެ ކާމިޔާބީކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވަނަ ދުވަހު މުސްލިމުންނަށް ބަދުރު ހަނގުރާމައިން ލިބުނު ނަސްރަކީ އިސްލާމީ ތާރީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ. ބަދުރު ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ އަދުލުވެރިކަމުގެ ފިލާވަޅެވެ. އެހެނީ މާތް ނަބިއްޔާ އެހެން ބައެއްގެ މައްޗަށް ޢަދުލުވެރިކަން ހިންގެވުމުގެ ކުރިން ހުދު އެކަލޭގެފާނުގެ މައްޗަށް ޢަދުލުވެރިކަން އިސްކުރެއްވިއެވެ. މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ މަޝްވަރާ ކުރުމުގެ މަތިވެރި ފިލާވަޅެވެ. ރަސޫލު ގެ މައްޗަށް ވަހީ ބާވައިލައްވަމުން ދިޔައިރުވެސް އެކަލޭގެފާނު ދެއްކެވި ނަމޫނާއަކީ އެކަލޭގެފާނަކީ އަމިއްލަފުޅު ރައުޔަށް ކަންކަން ކުރައްވާ ބޭކަލެއް ނޫންކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ބަދުރު ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އަބޫބަކުރުގެފާނާއި އުމަރުގެފާނު ފަދަ ބޭކަލުން ވަނީ އެ ބޭކަލުންގެ ހިޔާލުފުޅުތައް ހިއްސާކުރައްވާފައެވެ. ބަދުރު ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެ ކަމެވެ. ހުތުބާގައި ބުނީ، ބަދުރު ހަނގުރާމައިގަ ބަފައިން ދަރިންނާ، ދަރިން ބަފައިންނާ އަހުން އަހުންނާ، ގާތްތިމާގެމީޙުން ގާތްތިމާޣެ މީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ، ހަނގުރާމަކޮށްފައިވާކަމަށެވެ. މި ވާހަކަ ވަނީ ކީރިތި ގުރުއާނުގައިވެސް ބަޔާންކޮށްފައެވެ. މިފަދަ ބައެއް މިސާލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންގެ މިސާލުތައް ފެންނާން ހުރިކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމައިންވެސް އެބައިމީހުންގެ އަޒުމުގެ ވަރުގަދަކަން ފެންނަމުންދާ ކަމަށެވެ. މުސްލިމުންގެ މޮޓޯއަކީ ހަމަ އެއް މޮޓޯއެކެވެ. މާތް ﷲ ގެ މަގުގައި ޝަހީދުވުން ނުވަތަ ނަސްރު ލިބުމެވެ. ރަމަޟާންމަހުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހު މައްކާ ފަތަހަ ކުރެއްވުމުގެ ކާމިޔާބީއެވެ. މައްކާއިން ބޭރުކޮށްލެވުނު ހިނދުވެސް އަލުން އެނބުރި ވަޑައިގެން މައްކާ ފަތަހަ ކުރެއްވިނަމަވެސް އެކަލޭގެފާނުވަނީ ނަމޫނާ ދައްކަފާފައެވެ. ހުތުބާގައި ބުނީ، އާމެދު އިހާނެތިކޮށް އެބައިމީހުން ކަންތައްކޮށްފައި ވީއިރުވެސް އެކަލޭގެފާނަށް އާރާއި ބާރު ލިބިވަޑައިގެން ހުންވައިމެ އެބައިމީހުންނަށް މައާފް ކުރެއްވިއެވެ. ހުތުބާގައި ބުނީ މި މައްސަރުގައި ދެއްވާފައިވާ އަނެއް ކާމިޔާބީއަކީ މީހާގެ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމުގެ ފުރުސަތު ކަމަށެވެ. އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުސަތެވެ. އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮކަމަށްވުރެ ބޮޑެވެ. އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރާއި ހަތަރު މަހެވެ. ރަސޫލު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ، "ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ލައިލަތުލް ޤަދުރި ވިލޭރޭ ލިބިގަންނާށެވެ"

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ