މާލެ: 31°C
ރަކީދޫ ސްކޫލްގެ ކިޔެވުން ވަރަށް އަވަހަށް ފެށޭނެ: ރައީސް

ރަކީދޫ ސްކޫލްގެ ކިޔެވުން ވަރަށް އަވަހަށް ފެށޭނެ: ރައީސް

July 17, 2023
2 ފަހަރު ބަލާފައި
ރަކީދޫ ސްކޫލްގެ ކިޔެވުން ވަރަށް އަވަހަށް ފެށޭނެ: ރައީސް
ވ. ރަކީދޫގައި ހަދާ ސްކޫލް އިމާރާތުގެ މަސައްކަތް ނިމި، ސްކޫލުގެ ކިޔެވުން ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ރަކީދޫއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާފައި ވާހަކަފުޅުދައްވަމުންނެވެ. ރައީސް ވިދާޅުވީ ރަށެއްގެ އާބާދީ ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ރަށުގައި ތިބެގެން ތައުލީމު ލިބޭނެ ގޮތެއް ގާއިމުވުން ކަމަށެވެ. "އާބަދީގައި 369 މީހުން ތިބި ކަމަށް ވިޔަސް މިވަގުތު ރަށުގައި ދިރިއުޅެމުން ގެންދަނީ 63 މީހުން" ރައީސް ވިދާޅުވިއެވެ. އެގޮތުން ރަކީދޫގެ ދަރިވަރުންނަށް އެ މަގުފަހިކުރުމުގެ ގޮތުން އެރަށުގައި ހަދާ ސްކޫލް އިމާރާތުގެ މަސައްކަތް ނިމި މިހާރު ހުޅުވަން ކައިރިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. "ސްކޫލުގައި ކިޔަވައިދޭނެ ޓީޗަރުން ހޯދުމަށްޓަކައި ދެ ފަހަރަކަށް އިއުލާން ކުރުމުންވެސް ރަށުގެ ރައްޔިތަކު ނެތް އެކަމަށް އިޖާބަ ދީފައެއް. ދެން މި ޖެހެނީ ރަށުން ބޭރުން މީހަކު ހޯދަން. މިހާރު ކުރަމުން އެ ގެންދަނީ އެކަންތައް،" ރައީސް ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް ރަކީދޫ ސްކޫލަށް ބޭނުންވާ ޓީޗަރުންނާއި މުވައްޒަފުން ހޯދައި ރަކީދޫގައި ސެޓެލައިޓް ސްކޫލެއްގެ ހިދުމަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުގެ އުއްމީދު ކުރަނީ މި ގެނެވޭ ބަދަލުތަކާއެކީގައި މި ރަށުގެ އާބާދީ މަޑުމަޑުން އިތުރުވެ، މިރަށުގެ އުފަން ރައްޔިތުން ރަށަށް އެނބުރި އައުމުގެ ވިސްނުމެއް، ރޫހެއް އުފެދިގެން އަންނާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ. https://twitter.com/MDPSecretariat/status/1680802899700645888?s=20 ރައީސް ވިދާޅުވީ ތައުލީމުގެ އިތުރުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި އާރްޓީއެލްގެ ނިޒާމުން ހުޅުވާލެވިގެންދާއިރު ވ. އަތޮޅުވެސް އާގެ ތެރޭގައި ހިމެނިގެންދާނެ ކަމަށެވެ. "އޭރުން ރަށުން ލިބެން ނެތް ހިދުމަތްތައް ހޯދުމަށްޓަކައި ފަސޭހައިން ކައިރީގައި ހުރި ރަށްރަށަށް ގޮސް އިރުއޮއްސުމުގެ ކުރިން އެނބުރި އާދެވޭނެ ނިޒާމެއް އޭގެ ތެރޭގައި ހިމެނިގެންދާނެ." ރައީސް ވިދާޅުވިއެވެ. އަދި އެރަށުގެ ބަނދަރު ތަރައްގީކޮށް ނިމިފައިވީ ނަމަވެސް ލަފާފޭބުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް، ގިރާ ސަރަހައްދު ހިމާޔަތްކުރަން މިހާރު ލާފައި ހުރި ތޮށިގަނޑާއެކު ރަށަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާ ކުރުމަށްފަހު، ބަދަލެއް ގެންނަން ޖެހޭނަމަ އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން، ރައީސް ވިދާޅުވީ ރާއްޖެ މިއޮތް ގޮތުން ޒަމާނީ ޓެކްނޮލޮޖީއާއެކު އަޅުގަނޑުމެން ފައިހަމަކުރަން ޖެހޭ ކަމަށާއި ސަރުކާރުގެ ހިދުމަތްތައް، އެމީހަކު ތިބި ތަނަކުން ފަސޭހައިން ލިބޭނެގޮތެއް ހޯދުމަށް ޑިޖިޓަލައިޒް ކުރަމުން ގެންދާ ކަމަށެވެ. 2018 ވަނަ އަހަރުވެފައިވާ ވައުދާއި އެއްގޮތަށް އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކޮށްފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެހިސާބުން އެކަން ނިންމާނުލައި މިހާރަށްވުރެން ހަލުވި، އަގުހެޔޮ ހިދުމަތެއް ރައްޔިތުންނަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. "އިރާދަ ކުރެއްވިއްޔާ އޮގަސްޓްމަހުގެ މެދު ތެރޭގައި ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އެ އަޅާ ސަބްސީ ކޭބަލް ރާއްޖެއަށް އެއްގަން ކުރެވިގެންދާނެ، ނަތީޖާއަކަށް ވެގެންދާނީ މިހާރު އަޅުގަނޑުމެނަށް މި ލިބޭ އިންޓަނެޓްގެ ހިދުމަތް އަގުހެޔޮވެ، ހަލުވިވެގެން ދިއުން،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރަން ނިންމާފައި ހުރި ހުރިހާކަމެއް ދަނީ ބަރާބަރަށް ކުރަމުންނެވެ. ނަމަވެސް ރާއްޖެއަށް ދިމާވި ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން އެކަންކަން ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ