ރާއްޖެއާއި ސާބިއާއާއި ދެެމެދު ހަތަރު ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިއެވެ.
އެ އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސާބިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.
ސޮއިކުރެއްވި އެއްބަސްވުންތައް:
-
ވައިގެ ހިދުމަތުގެ ދާއިރާ އިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް.
-
އިގުތިސާދާއި ވިޔަފާރީގެ ދާއިރާ އިން ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެއް.
-
ކުޅިވަރުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ގުޅުން ވަރުގަދަކުރުމުގެ އެއްބަސްވުމެއް.
-
ޑިޕްލޮމެޓިކް ތައުލީމުގެ ރޮނގުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް.
މިނިސްޓަރ ޝާހިދު އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި ސާބިއާއާ ދެމެދު އިއްޔެ ކުރެވުނު ވައިގެ ހިދުމަތުގެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
[embed]https://twitter.com/abdulla_shahid/status/1655920654062092288?s=20[/embed]
އިގްތިސާދާއި ވިޔަފާރީގެ ދާއިރާއިން ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓްތަކަށް އާ މާކެޓު ލިބިގެންދާނެ ކަމަށާއި އެ އެއްބަސްވުމާއެކު ސާބިއާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުމުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ސާބިއާ އިން ތަމްރީނުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
އަދި ޑިޕްލޮމެޓިކް ތައުލީމުގެ ރޮނގުން ސޮއިކުރި އެއްބަސްވުމަކީ ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ ފޮރިން ސާވިސް އޮފިސަރުންނަށް ތަމްރީނާއި ތަޖުރިބާ ލިބޭނެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ މި ރަސްމީ ދަތުރުގައި ސާބިއާގެ ފޮރިން މިނިސްޓަރު އިވިކާ ޑާޗިޗްއާ އިއްޔެ ބައްދަލުކުރެއްވިއެވެ.