މާލެ: 31°C

ރަށްގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ގއ. މާމެންދޫ ކައުންސިލްގެ ޖަލްސާ ގިރާ ސަރަހައްދުގައި!

December 13, 2022
2 ފަހަރު ބަލާފައި
ރަށްގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ގއ. މާމެންދޫ ކައުންސިލްގެ ޖަލްސާ ގިރާ ސަރަހައްދުގައި!
ރަށްގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ގއ. މާމެންދޫ ކައުންސިލްގެ ޖަލްސާ ގިރާ ސަރަހައްދުގައި!
ގއ. މާމެންދޫގެ ބޮޑުބައެއް ގިރަމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން އެރަށު ކައުންސިލްގެ ޖަލްސާ މިއަދު ގިރާ ސަރަހައްދުގައި ބާއްވައިފި އެވެ. ރަށުން ބޮޑުބައެއް ގިރައިލުމުގެ ސަބަބުން ކަޅުފަހުގައި ހެދިފައިވާ ގުންޑޮޅީގެ ކައިރީގައި މޭޒާއި ގޮނޑި ޖަހައިގެން މާމެންދޫ ކައުންސިލުން މިއަދު ބޭއްވި ޖަލްސާ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ދެއްކި އެވެ. އެ ޖަލްސާގެ އެޖެންޑާގައި ގައި އެންމެ ފުރަތަމަކަށް އޮތީ ވެސް ރަށްގިރުމުގެ މައްސަލަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނައުމުގެމުގެ މައްސަލަ އެވެ. އެޖެންޑާގެ އެ އައިޓަމް މެމްބަރުންނަށް ތަފުސީލުކޮށްދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒު ވިދާޅުވީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން އެރަށުގެ ކުރީގެ ކައުންސިލުން ވެސް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ކުރިން އެންވަޔަރްމެންޓް މިނިސްޓަރަކަށް ހުންނެވި، މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑ. ހުސައިން ރަޝީދު ހުސައިން މާމެންދުއަށް ކުރެއްވި ދަތުރެއްގައި ގިރާ ސަރަހައްދު ބައްލަވައިލެއްވި ކަމަށާއި އެކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް އަޒީރު ވިދާޅުވި އެވެ. "އަޅުގަނޑު ފިޝަރީޒް މިނިސްޓަރާއި އެކުގައި މާލޭގައި ބޭއްވި ބައްދަލުވުމެއްގައި ވެސް ވާނީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެއްވަން ވާނީ ދަންނަވާފައި،" ދިޔަވަރު ބޮޑުވެއްޖެ ނަމަ ރާޅު އަރާ ހިސާބުގައި ބޭއްވި ޖަލްސާގައި އަޒީޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރުމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާއަކާ ވެސް މާމެންދޫ ކައުންސިލުން ވަނީ މުއާމަލާތްކޮށްފަ އެވެ. "މިދާއިރާގެ ]ރައްޔިތުންގެ މަޖިލީހުގެ[ މެމްބަރަށް ވެސް މިވާހަކަތައް އަޅުގަނޑުމެން  ވާނީ ދަންނަވާފައި. އެހެން ނަމަވެސް މިއަދާ ހިސާބަށް އައި އިރުގައި ވެސް މިރަަށަށް ރަށުގެ ރަށްގިރުމަށް [ހައްލެއް ހޯދުމުގެ މަސައްކަތަށް ] އެއްވެސް އަމަލީ ސިފައެއް ގެނެވިފައެއް ނުވޭ. މިހާރު މި ގިރަމުންދާ ރޭޓަށް ބަލާއިރު ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މިސަރަހައްދުން މީހުން ހުސްކުރަން ޖެހޭނެ،" އަޒީޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ބައެއް ގޭގޭގެ ވަޅުގެ ފެން ލޮނުވެ، އެ ގޭގޭގައި މީހުންނަށް ދިރިނޫޅެވޭ ހިސާބަށް ވަނީ ގޮސްފަ އެވެ. ގިރާ ސަރަހައްދާ ކައިރީގައި ހުރި ގޭގޭގެއަށް ލިބުނު ގެއްލުމަކީ އޭނާ ވިދާޅުވި ގޮތުގައި ހަމަ އެކަނި ވަޅުގެ ފެން ލޮނުވުމެއް ނޫނެވެ. އުދަ އަރާ ދުވަސްވަރު އެ ގޭގެއަށް ލޮނު ވެސް ވަދެ އެވެ. އަޒީޒު ވިދާޅުވި ގޮތުގައި ގިރާ ސަރަހައްދުގައި ޖަލްސާއެއް ބާއްވައި އެ ޖަލްސާ ލައިވްކުރީ މާމެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ސަރުކާރުން މަަސައްކަތް ކޮށްދޭތޯ ކައުންސިލަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރުމަށް ފަހުގަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކައުންސިލުން ކުރާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ