އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގެ ހަރަކާތްތައް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ޕީޕީއެމް ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވަނީ މާލޭގައި މިއަދު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަކުންނެވެ. މީގެ އިތުރުން މި ހަރާކާތްތަށް އަތޮޅުތެރޭގައި ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޕީޕީއެމް ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އެޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ( އަދުރޭ ) ވިދާޅުވީ، ކެމްޕެއިންގެ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވާނަމަ އެއީ ހީނުކުރާ ވަރުގެ ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށާއި، ރައްޔިތުން ތިބީ ރައީސް ޔާމީން މިވަގުތު އޮތް ތަނެއް ބަލާކަށް ނޫން ކަމަށެވެ. އަދި މި އަހަރުގެ އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެންނަން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މިއަދު ރަސްމީކޮށް ކެމްޕެއިން ހަރަކާތްތަށް ފެށުމުގެ ކުރިން ނޫސް ވެރިންނާ ބައްދަލު ކުރަށްވައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށާއި އެމަނިކުފާނަށް ވާދަނުކުރެއްވޭނެ ހާލަތެއް އޮތް ކަމަށް ބަލައި ދެވަނަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ދެވަނަ ވިސްނުމެއް ނެތީމަ އަޅުގަނޑުމެން ދެ ޕާޓީގެ ސެނެޓުގެ އިއްތިފާގުން ފާސް ކުރީ ރައީސް ޔާމީން އެއީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު ކަމަށް. ދެވަނަ ވިސްނުމެއް އޮތްތޯ ބަލަން ތި ވިދާޅުވާ ވިދާޅުވުމަކީ އަޅުގަނޑުމެންނަށް އެހާ މުހިންމު ވިދާޅުވުމެއް ނޫން." އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ, ޕީޕީއެމް-ޕީއެންސީން ކުރަންވާ ކަންކަން ކުރާނީ ރައީސް ޔާމީންގެ އިރުޝާދާއި މަޝްވަރާއާއި އެކުގައި ކަމަށާއި، އަދި އިންޑިއާ އައުޓް ހުއްޓާލަން ނިންމިޔަސް އެކަން ނިންމާނީ ވެސް ރައީސް ޔާމީން ކަމަށެވެ.
ވ. އާރަށުގެ މައްސަލަ ސާބިތުވެ، ކުރީގެ ރައީސް ޔާމީން އަށް ވަނީ 11 އަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ވެސް ރައީސް ޔާމީން އަށް ވަނީ ދައުވާތަކެއްކޮށްފަ އެވެ. އެ މައްސަލައިގައި އުފުލާފައިވާ ދައުވާ އަކީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.