މާލެ: 31°C

ރައީސް ޔާމީންގެ މައްޗަށް ކުރި 2 ދައުވާވެސް ސާބިތުވެއްޖެ

December 25, 2022
2 ފަހަރު ބަލާފައި
ރައީސް ޔާމީންގެ މައްޗަށް ކުރި 2 ދައުވާވެސް ސާބިތުވެއްޖެ
ރައީސް ޔާމީންގެ މައްޗަށް ކުރި 2 ދައުވާވެސް ސާބިތުވެއްޖެ
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކޮރަޕްޝަނުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކުރި ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެ ކަނޑައަޅައިފި އެވެ. ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ، އާރަށް މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑާކުރުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން ކުރި ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ. ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމަށް ވެސް އެ ދައުވާގައި ވެ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި ކަނޑައެޅީ ޔާމީނާ ދެކޮޅަށް ދައުލަތުން ކުރި ދެ ދައުވާ ވެސް ހެކިންގެ ހެކިބަހުންނާއި އެ މައްސަލައިގައި ލިބެން ހުރި ކިތާބީ ހެކިތަކުން ސާބިތުވާ ކަމަށެވެ. މިއަދުގެ އަޑު އެހުމުގައި ޔާމީނުގެ ވަކީލުންނާއި ޔޫސުފް ނައީމުގެ ވަކީލުން ވެސް އެދުނީ އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން 10 ދުވަހުގެ މުހުލަތެއް ދިނުމަށެވެ. އެހެން ނަަމަވެސް އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ކޯޓުން ފުރުސަތު ދިނީ މިއަދު މެންދުރު ފަހު 2:00 އާ ހަަމައަށެވެ. އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑު އެހުމެއް 2:00 ގައި ބޭއްވުމަށް ފަހު މައްސަލަ މިއަދު ނިންމާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ