މާލެ: 31°C

ރައީސް ވިދާޅުވަނީ ޕްރައިމަރީ ބާއްވަން ނުވެސް ޖެހޭ ކަމަށް!

January 8, 2023
2 ފަހަރު ބަލާފައި
ރައީސް ވިދާޅުވަނީ ޕްރައިމަރީ ބާއްވަން ނުވެސް ޖެހޭ ކަމަށް!
ރައީސް ވިދާޅުވަނީ ޕްރައިމަރީ ބާއްވަން ނުވެސް ޖެހޭ ކަމަށް!
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވަން، އެޕާޓީގެ އެތެރޭގައި ރިޔާސީ ޕްރައިމަރީ ބޭއްވުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރައްވައިފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުހޯދަން ނ. ވެލިދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށާއި އެ އަށް ފަހު އުފެދޭ ވެރިކަން ދަމަހައްޓައި ވެސް ދެއްވާނެ ކަމަށެވެ. އޭގެ ކުރިން  މިމަހުގެ 28 ގައި ބާއްވަން ތާވަލުކޮށްފައިވާ އެމްޑީޕީގެ ޕްރައިމަރީ އަކީ އެމަނިކުފާނު  ސިފަކުރެއްވި ގޮތުގައި "ކޮށްލަން ޖެހޭ ކުޑަކުޑަ" ކަމެކެވެ. "އެހިސާބަށް [ރިޔާސީ އިންތިހާބު ކާމިޔާބުކުރުމާ ހަމައަށް] ދިއުމަށް ޓަކައި އަޅުގަނޑުމެން ކޮށްލަން ޖެހޭ ކުޑަކުޑަކަމެއް އެބަ އޮތް. އެއީ ޕާޓީގެ އެތެރޭގައި މި އޮތް ޕްރައިމަރީ. ހަގީގަތުގައި މިއީ އަޅުގަނޑުމެންގެ ތެރޭގައި މިކަން ބާއްވަން ޖެހޭ ވެސް ކަމެއް ނޫން،" ރައިސް ވިދާޅުވި އެވެ. އެމަނިކުފާނު މިހެން ވިދާޅުވި އިރު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވަން ޕްރައިމަރީ ބޭއްވުމަކީ އެޕާޓީގެ އަސާސީ ގަވައިދު ލާޒިމުކުރާ ކަމެކެވެ. އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީ ކާމިޔާބުކުރުމަކީ "މިއަދުގެ ހާލަތާ އެކުގައި" ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސްކަމަށް އިންތިހާބުވާ ބޭފުޅެއްގެ ފުރަތަމަ ދައުރު ނިމި ، ދެން އަންނަ ރިޔާސީ އިންތިހާބަކަށް ޓިކެޓް ހޯއްދަވަން ޕްރައިމަރީއެއްގައި ވާދަކުރައްވަން ޖެހިވަޑައިނުގަންނަވާ ގޮތަށް ގަވައިދު ބަދަލުކުރަން، ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަަހަރު ވާހަކަ ދެކެވުނެވެ. ރައީސަަކަށް ހުންނަވާ ބޭފުޅަކަށް އޮޓަމެޓިކުން ޓިކެޓް ލިބޭ ގޮތަށް ހަދަން އެމްޑީޕީގެ ގައުމީ މަޖިލީހަށް އޭރު ގަރާރެއް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް އެ ގަރާރު އޭރު ފާހެއް ނުކުރެ އެވެ. މމަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ