މާލެ: 31°C
ރައީސް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެވަޑައިގެންފި

ރައީސް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެވަޑައިގެންފި

February 15, 2024
4 ފަހަރު ބަލާފައި
ރައީސް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެވަޑައިގެންފި
އެކުވެރި އަރަބި އިމާރާތުގައި ބޭއްވި ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި އަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދައަވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ކުރެއްވި ތަޤުރީރުގައި، ދިވެހިރާއްޖެއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ތަސައްވުރު ރައީސް އިއުލާން ކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ވަރލްޑް ގަވަރމަންޓްސް ސަމިޓު 2024ގެ ހަވާސާގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތައް ބާއްވަވާފައެވެ. މީގެ އިތުރުން، އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"ގައި ރައީސް ޑރ މުއިއްޒު ތަގްރީރު ކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެދާއިރާ ކުރިއަރައިދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"އަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުން އެއްތަނަކުން ބައްދަލުވެ ގުޅުންބަދަހިވުމަށް މަގުފަހިވެގެންދިޔަ ފޯރަމެކެވެ. ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" އިފްތިތާޙް ކޮށްދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ