ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް (ކެނޑިޑޭޓުގެ މެނޭޖަރަކަށް) ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަދި، ކެމްޕޭން މެނޭޖަރަކަށް އަލިފުށި ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހަމަޖައްސައިފި އެވެ.
ކެނޑިޑޭޓުގެ މެޖޭޖަރަށާއި ކެމްޕެއިން މެނޭޖަރަށް، އެދެބޭފުޅުން ހަމަޖެއްސެވިކަން 'މިނިވަން' އަށް ވަނީ ޔަގީން ވެފައެވެ. މިއަހަރުގެ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރުކަން ކުރެއްވީ ނާޝިޒް އެވެ.އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވަ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު ވެސް ކުރިމަތިލުމުގެ ކުރިން އެ ބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހެ އެވެ. އަދި އެ އޭޖެންޑްގެ ނަމާއި ދާއިމީ އެޑްރެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.
ނަމަވެސް ކެމްޕޭން މެނޭޖަރަކީ، ކެނޑިޑޭޓް ނުވަތަ ޕާޓީ އިން ކެމްޕޭންގެ ކަންކަން ހިންގާ ބެލެހެއްޓުމަށް އަމިއްލައަށް އައްޔަނުކުރާ މީހެކެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން މިހާރު ވަނީ ފަށާފައެވެ.
ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. ފެށޭ އޮގަސްޓް 7، ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެ އެވެ.







