ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ މައްސަލައިގައި 50 އަށްވުރެ ގިނަ މެމްބަރުން ސޮއި ހަމަކޮށްފިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައި ވަނީ މިއަދު ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން މިހާތަނަށް 50 މެމްބަރުންނަށް ވުރެން ގިނަ މެމްބަރުން ވަނީ ނަޝީދު މަގާމުން
ވަކިކުރަން ސޮއިކުރައްވާފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވަނީ 50 މެމްބަރުންގެ ސޮއި ހަމަވުމުން އެމައްސަލަ ހުށަހެޅުމަށެވެ. އެމްޑީޕީގެ މެމްބަރުންގެ އިތުރުން، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވެސް ވަނީ ރައީސް ނަޝީދު މަގާމުން ވަކިކުރަން ސޮއިކުރައްވާފައެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމީ އެމްޑިޕީ ޕާލިމަންޓްރީ ގުރޫޕުގެ 36 މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައި ވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ރިޔާސަތުން ނިންމި ނިންމުތަކާއި، މައްސަލަ ކުރިއަށް ނުގެންދެވުމަށް ނިންމުމުން މުޅި މަޖިލީސް ހުއްޓުމަކަށް އައިސްފައިވާތީ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މަޖިލިސް ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ ވައްދާފަ އެވެ. އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހަށެވެ.






