
ނަޝީދު މި ގޮވައިލައްވަނީ ރައީސް އިސްތިއުފާ ދެއްވަން؟
ނަޝީދު މި ގޮވައިލައްވަނީ ރައީސް އިސްތިއުފާ ދެއްވަން؟
ލިޔުން:
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ގޮވައިލައްވާކަމަށް ދޭހަވާ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ގއ. ކޮލަމާފުށީގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވަކި ހިސާބަކުން އެމަނިކުފާނު ގެންނެވީ ނިއުޒީލޭންޑްގެ ބޮޑުވަޒީރު ޖެސިކާ އާޑާން އިސްތިއުފާ ދެއްވި ވާހަަކަ އެވެ. އެ ހަބަރު ލިބިވަޑައިގެންނެވީ ކޮލަމާފުށްޓަށް ވަޑައިގެންނެވި މަގުމަތީގައި ކަމަށާއި އެކަމާ މީހުން ހައިރާން ވެގެން އުޅުނަސް އެމަނިކުފާނު ހައިރާންވެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ނިއުޒިލޭންޑްގެ ބޮޑުވަޒީރު ހަމަ ރީތިކޮށް ހުންނަވާފައި މިއަދު އިސްތިއުފާދެއްވައިފި. ދެން އަޅުގަނޑަށް އެނގޭ ކިހިނެތްކަން މިވަނީ. ދެން ދުނިޔޭގެ ބައެއް މީހުން މިކަމާ ހައިރާންވެގެން އުޅޭ ވާހަކަ އެބަ ފެނޭ ޚަބަރުން. އެހެން ނަމަވެސް ނިއުޒީލޭންޑްގެ ބޮޑުވަޒީރުގެ ޕާޓީ އަށް ފާހަގަ ވެއްޖެ މީނާ ގޮވައިގެން ކުރިއަށް އޮތް އިންތިހާބަުން މޮޅެއް ނުވެވޭނެކަން،" ނަޝީދު ވިދާޅުވި އެވެ.
އެ ހާލަތުގައި ބުއްދިވެރި ގޮތަކީ އަދި ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލުކުރާ ގޮތަކީ އެ ބޭފުޅަކު އެއްކައިރީގައި މަޑުކޮށްލައްވާފައި އެެހެން ބޭފުޅަކާ އެކު އިންތިހާބަށް ނުކުތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެއާ ގުޅުވައި ދެން ވިދާޅުވީ ރައީސް ސޯލިހާ އެކު ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެއީ ހިތްބަރުކަމެއް އޮވެގެން ދައްކަވާ ވާހަކަފުޅެއް ނޫން ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމުގެ ހުއްޖަތެއްގެ ގޮތުގައި ހުރިހާ ރަށެއްގައި ހެން ނަޝީދު ދައްކަވާ ވާހަަކަފުޅަކީ އެމްޑީޕީގެ ދަފުތަރު ސާފުކުރި އިރު އެޕާޓީން ވަކިވި މީހުންނާއި އެމީހުންގެ އާއިލާތައް ނުރުހިފައި ތިބި ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅެވެ.
"ނިއުޒިލޭންޑްގެ ބޮޑުވަޒީ އެ ކުރެއްވީ އެއީ އިޚުލާސްތެރި އަމަލެއް. އެއީ ޕާޓީއަކަށް ޓަކައި ކުރާން ޖެހޭ ކަމެއް. ދެހާސް ބާރަ ވަނަ އަަހަރު އަޅުގަނޑު އެކަން ކުރިން، ފެބްރުއަރީ ހަތް ވަނަ ދުވަހު. އަށް ވަނަ ދުވަހު މުޅި ރާއްޖެ އޮތީ އަޅުގަނޑުމެންނާ އެކީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެ ފަހުން 2013 ވަނަ އަހަރު އެމްޑީޕީ އަށް 105،000 ވޯޓު ލިބުނީ އެ ނިންމެވުމުގެ ސަބަބުން ކަމަށާއި 2018 ވަަނަ އަހަރުގެ ރިޔާސީ އިްންތިހާބު ކާމިޔާބުވީ ވެސް އެހެންވެ ކަމަށެވެ.
އެމަނިކުފާނުގެ މިވާހަކަފުޅު ދެގޮތަކަށް މާނަކުރެވިދާނެ އެވެ. އެއް ގޮތަކީ އެމްޑީޕީގެ ރިޔާސީ ރޭހުން ރައީސް ސޯލިހު ވަކިވެވަޑައިގަންނަވަން އެދިވަޑައިގެންނެވުމެވެ. އަނެއް ގޮތަކީ ސީދާ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވަން އެދިވަޑައިގެންނެވުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
