މާލެ: 31°C
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ހަގީގަތް ނުހޯދި، އިންސާފު ލަސްވާތީ ޑިމޮކްރެޓްސްގެ ނުރުހުން

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ހަގީގަތް ނުހޯދި، އިންސާފު ލަސްވާތީ ޑިމޮކްރެޓްސްގެ ނުރުހުން

May 6, 2024
3 ފަހަރު ބަލާފައި
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ހަގީގަތް ނުހޯދި، އިންސާފު ލަސްވާތީ ޑިމޮކްރެޓްސްގެ ނުރުހުން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އަޑީގައިވަނީ ކޮން ބައެއް ކަން ނުހޯދި, އަދި ނަޝީދަށް އިންސާފު ނުލިބި އަހަރުތަކެއް ވެގެން ދިއުމަކީ ލަދުވެތި ކަމެއް ކަމަށް އެމަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ. ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން އެވަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތު ލިބިދީފައި އޮތުމަކީ ކަންބޮޑުވެ, ކުށްވެރި ކުރާ ކަމެއް ކަމަށް، ހަމަލާއަށް ތިން އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނުގައި، ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.  "ވަކިން ހާއްސަކޮށް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 3 ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނިކޮށް އެއާވިދިގެން ވެސް އެމަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުން ތަކުރާރުކޮށް ކުށްވެރިކުރަމެވެ." ބަޔާނުގައިވެއެވެ.  ޑިމޮކްރެޓްސް އިން ބުނީ, ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީއަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށް ވެސް ހޯދިފައިނުވާ ކަމަށެވެ.  މިއީ ލަދުވެތި ކަމެއްގެ ގޮތުގައި ފާހަގަކޮށް, ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި "ނޯމަލައިޒް" ކުރުމުގެ އަމަލެއްކަމުގައި ޑިމޮކްރެޓްސް އިން ވަނީ ސިފަކޮށްފަ އެވެ.  "ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދަ ޑިމޮކްރެޓްސް އިން ގޮވާލަމެވެ." ބަޔާނުގައިވެއެވެ. 

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އެ ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިއަދު ވަނީ ރައީސް ނަޝީދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް އަވަސްކޮށްދިނުމަށް ގޮވާލައްވައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ