މާލެ: 31°C
ރައީސް މައުމޫނުގެ ތައުރީފް އީރާނަށް

ރައީސް މައުމޫނުގެ ތައުރީފް އީރާނަށް

April 14, 2024
3 ފަހަރު ބަލާފައި
ރައީސް މައުމޫނުގެ ތައުރީފް އީރާނަށް
ސޫރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރާއީލުން ބޮންއެޅުމާއި ގުޅިގެން އެކަމުގެ ރައްދުގައި ރޭ އީރާނުން ދިން ޑްރޯން ހަމަލާއަށް ކުރީގެ ރައީސް މައުމޫނު ތައުރީފް ކުރައްވައިފިއެވެ. އީރާންގެ ޑްރޯން ހަމަލާއާ ގުޅިގެން ރައީސް މައުމޫން އެކްސްގައި ވިދާޅުވެފައިވަނީ، އީރާންގެ ދިފާއުގައި އިޒްރާއީލަށް ރޭ ދިން ހަމަލާއަށް މަރުހަބާ ކިޔާކަމަށާއި، އެ ހަމަލާއަކީ އަމިއްލަ ދިފާއުގައި ދިން ވަރުގަދަ ހަމަލާއެއް ކަމަށެވެ. އެކްސްގައި ރައިސް މައުމޫން ވަނީ މިނިވަންކަމުގެ ދިފާއުގައި ހަނގުރާމަކުރަމުންދާ އީރާނުގެ ހިތްވަރުގަދަ ހަނގުރާމަވެރިންނަށާއި އެނޫންވެސް މުސްލިމު ހަނގުރާމަ ވެރިންނަށް ﷲ ގެ ހަޞްރަތުން ނަސްރުދެއްވުމަށް އެދި ދަންނަވާފައެވެ. ދިވެހިރާއްޖެއާ އީރާނާ ދެގައުމުގެ ދެމެދުގައިވާ ސިޔާސީގުޅުން އެހާ ކުރިއަށް ނުދިޔަނަމަވެސް ރައީސް މައުމޫނުގެ ވެރިކަމުގައި 1981 ވަނަ އަހަރު މައްކާގެ އިތުރުން ތާއިފްގައި ބޭއްވި އިސްލާމީ ވެރިންގެ ބައްދަލުވުންތަކުގައި ރައީސް މައުމޫނު ވަނީ އީރާން އީރާގް ހަނގުރާމަ އާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވާފައެވެ. https://twitter.com/maumoonagayoom/status/1779456588388217099 ސޫރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އިރާންގެ ކޮންސިއުލޭޓަށް އިޒްރާއީލް ސިފައިން ބޮމުގެ ހަމަލާތަކެއް ދީފައިވަނީ މިހިނގާ އޭޕްރިލްމަހުގެ އެއްވަނަ ދުވަހުއެވެ. އިޒްރާއީލުން ދިން ޓެރަރިސްޓް އެ ހަމަލާގައި އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރަކު ހިމެނޭހެން 7 މީހަކު ވަނީ މަރާލާފައެވެ. މި ހަމަލާއާ ގުޅިގެން އީރާނުން ވަނީ ބަދަލެއްގެ ގޮތުން އިޒްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭނޭކަމަށް ބުނެފައެވެ. އެ ހަމަލާގެ ބަދަލެއްގެ ގޮތުން އީރާނުން ރޭ ވަނީ އިޒްރާއީލުގެ އަމާޒުތަކަށް 300 ޑްރޯން ހަމަލާ ފޮނުވާލާފައެވެ. އީރާނުގެ ހަމަލާއާ ގުޅޭގޮތުން އިޒްރާއީލުން ބުނެފައިވަނީ ހަމަލާގެ 99 އިންސައްތަ އަމާޒުތަކަށް އެރުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލާފައިވާއިވާ ކަމަށާއި، އިޒްރާއީލާ ހަމަޔަށް ފޯރީ އީރާނުން ފޮނުވާލި ހަމަލާގެ އެންމެ އިންސައްތައެއް ކަމަށެވެ. އަދި އެ ހަމަލާތަކުގައި އިޒްރާއީލަށް މާބޮޑު ގެއްލުންތަކެއް ނުލިބޭކަމަށްވެސް އެޤައުމުން ވަނީ ބުނެފައެވެ. އީރާނުން ރޭ ފޮނުވާލި ޑްރޯންތަކުގެ ހަމަލާތައް ދިފާއުކުރުމުގައި ރޭ އެންމެބޮޑު ދައުރެއް އަދާކޮށްފައިވަނީ އިޒްރާއީލްގެ ބައިވެރިޔާ އެމެރިކާއެވެ. ހަމަލާތަކަށްފަހު އީރާނުން ބުނީ، ރައްދުގައި އިޒްރާއީލުން ނުވަތަ އެމެރިކާއިން ވިއަސް ހަމަލާއެއް ދީފިނަމަ، ވަރުގަދަވެގެންވާ ރައްދެއް ދޭނެކަމަށެވެ. މިގޮތުން ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށްވެސް އީރާނުން ފަސް ނުޖެހޭނޭކަމަށް އެގައުމުން ވަނީ ބުނެފައެވެ. ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ އެމެރިކާއިން ވަރަށް ޖެހިލުންވާ ކަމެކެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ 40 އިންސައްތަ ހުރަސްކުރަނީ ހުރްމުޒް ކަނޑުއޮޅިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ