މާލެ: 31°C
ރައީސް މަގާމުން ވަކިކުރަން އެމްޑީޕީން ސޮއިހަމަކޮށްފި

ރައީސް މަގާމުން ވަކިކުރަން އެމްޑީޕީން ސޮއިހަމަކޮށްފި

January 29, 2024
3 ފަހަރު ބަލާފައި
ރައީސް މަގާމުން ވަކިކުރަން އެމްޑީޕީން ސޮއިހަމަކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީން ބޭނުންވާ އަދަދަށް ސޮއިހަމަކޮށްފިއެވެ. އެމްޑީޕީން ބުނީ މިއަދު ބޭއްވި ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި އެ ޕާޓީއާއި ޑިމޮކްރެޓުން ގުޅިގެން ރައީސް މުއިއްޒު އަޒުލްކުރުމަށް ބޭނުންވާ ސޮއި ހަމަކޮށްފައިވާ ކަމަށާއި އެމަނިކުފާނު ވަކިކުރުމަށް މިއަދު މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން މަސައްކަތް ފަށާފައި މިވަނީ ރައީސް އެކުލަވާލައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާ ޕީޕީއެމް ޕީއެންސީން ހުއްޓުވާފައި ވަނިކޮށެވެ. މަޖިލީހުން ރައީސް ވަކިކުރަން ފަސޭހަވާގޮތަށް މި ފަހުން ވަނީ މަޖިލީހުގެ ގަވާއިދު ވެސް އިސްލާހުކޮށްފައެވެ. މަޖިލީހުގެ ގަވައިދު މީގެ ކުރިން އޮންނަ ގޮތުން ޖުމްލަ މެންބަރުންގެ އަދަދު ގުނާނީ 19 ވަނަ މަޖިލީހަށް އިންތިހާބުވި 87 މެންބަރުން ހިމަނައިގެންނެވެ.

ނަމަވެސް ގިނަ މެންބަރުންތަކެއް މަގާމް ދޫކުރައްވައި ސަރުކާރުގެ ކެބިނެޓަށް ވަޑައިގަތުމުން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ވަނީ ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެންބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވައިދު ބަދަލު ކޮށްފައެވެ. އެގޮތުން އެ އިސްލާހުގައި ވާގޮތުން ރައީސް އާއި ނައިބު ރައީސް އަޒުކުރަން މިހާރު ބޭނުންވަނީ 54 ވޯޓެވެ.

ގާނޫނުއަސާސީގެ 100 އާއި 101 ވަނަ މާއްދާގައިވާ ގޮތުން، ސަބަބު ބަޔާންކޮށް، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮޔާ އެކުގައެވެ. އެއީ 29 މެންބަރުންގެ ސޮއެވެ. ގާނޫނުއަސާސީގައި ރައީސް ވަކިކުރަން ހުށަހެޅޭނެ ތިން ސަބަބަކީ:
  • އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމުންނެވެ.

  • ރައީސްގެ މަގާމުގައި ނުވަތަ ރައީސްގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކުރުން.

  • ރައީސް ނުވަތަ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުން.

ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމާފައިވާއިރު، އެއީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް އެމްޑީޕީގެ ޕީޖީ ގްރޫޕުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ