މާލެ: 31°C

ރައީސް އިގުތިސާދީ ނިންމުންތައް ނިންމަވަނީ ސިޔާސީ މަންފާއަކަށް ނޫން: އަމީރު

January 2, 2023
2 ފަހަރު ބަލާފައި
ރައީސް އިގުތިސާދީ ނިންމުންތައް ނިންމަވަނީ ސިޔާސީ މަންފާއަކަށް ނޫން: އަމީރު
ރައީސް އިގުތިސާދީ ނިންމުންތައް ނިންމަވަނީ ސިޔާސީ މަންފާއަކަށް ނޫން: އަމީރު
އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުންތައް ނިންމަވަނީ އެކަންކަމުން ސިޔާސީ މަންފާ ހޯއްދަވާކަށް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ. އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅާ ޕްރައިމަރީގެ ކެމްޕޭން ފޯރި ގަދަވެފައި ވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި އަމީރު ވިދާޅުވީ ރައީސް އަބަދުވެސް އިސްކުރައްވަނީ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާ ކަމަށެވެ. ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަށް ކަމަށާއި އެއީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. "އިގުތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން. ރައީސް އަބަދުވެސް އިސްކުރައްވަނީ ގައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ،" ޓްވީޓްގައި އަމީރު ވިދާޅުވި އެވެ. ރާއްޖޭގެ އިގުތިސާދު އަންނަނީ ބާރަށް ކުރިއަރަމުން ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެންމެ ފަހުން ނެރުނު ޕްރެސް ރިލީޒްްގައި އެކަން ފާހަގަކޮށްފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ "ދިވެހި އިގުތިސާދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފަ. 2022 ވަނައަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ. މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ. އިގުތިސާދީ ގޮތުން ކޮންމެހެން އަޅަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަނީ ސިޔާސީ މަންފާއަށް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން އެކިފަހަރު ވިދާޅުވެފައި ވެ އެވެ. އެންމެ ފަހުން ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ "އިންތިހާބެއް ކައިރިވެފައި އޮއްވާ ޓެކްސް ބޮޑުކުރުމަކީ ސިޔާސީ ގޮތުން ކުރާނެ ކަމެއް ނޫން" ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ