މާލެ: 31°C

ރައީސްގެ އީދު ތަހުނިޔާ ހިތާބު: ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނޭ!

ރައީސްގެ އީދު ތަހުނިޔާ ހިތާބު: ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނޭ!
April 21, 2023
2 ފަހަރު ބަލާފައި
ރައީސްގެ އީދު ތަހުނިޔާ ހިތާބު: ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނޭ!
ޙަސަދައާއި ނަފްރަތަށް ހިތްތަކުން ޖާގަ ނުދިނުމަށާއި، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ޙަސަދައާއި ނަފްރަތަށް ހިތްތަކުން ޖާގަ ނުދިނުމަށާއި، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ވަކިން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ. ރޯދައިގެ އަޅުކަމުން ޙާޞިލުވި އެންމެ ބޮޑު އުފަލަކީ، ހިތްތައް ޠާހިރުވެ އަލުން ތާޒާވުންކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބިގެންދިޔަ ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމަށްކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. "ރޯދައިގެ އަޅުކަމުން އަޅުގަނޑުމެންނަށް ޙާޞިލުވި އެންމެ ބޮޑު އުފަލަކީ އަޅުގަނޑުމެންގެ ހިތްތައް ޠާހިރުވެ އަލުން ތާޒާވުމެވެ. އެހެންކަމުން ކުރިއަށް މިއޮތް ދުވަސްތަކުގައި އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން އަޅުގަނޑުމެންގެ ނަފްސުތަކަށް މިލިބުނު ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށެވެ. އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، ޙަސަދައާއި ނަފްރަތަށް އަޅުގަނޑުމެންގެ ހިތްތަކުން ޖާގަ ނުދިނުމެވެ. ކޮންމެ ޙާލަތެއްގައިވެސް، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ހިތްތައް ހުޅުވައިލަންވީ، އެކުވެރިކަމާއި އެއްބައިވަންތަކަމަށެވެ. އަޅުގަނޑުމެންގެ ހިތްތަކަށް އާރޯކަމާއި ތާޒާކަން ހޯދައިދޭންވީ، އަނެކުންނާ މެދު ބަހައްޓާ ގާތްކަމާއި ލޯތްބާއި ކުލުނާއި އޯގާތެރިކަމުންނެވެ." ރައީސްގެ ހިތާބުގައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި މި އުފާވެރި މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ޙިޠާބުގައި އެމަނިކުފާނު ވިދާޅުވީ ޢީދުގެ ޙަޤީޤީ އުފަލެއްކަމުގައި ކޮންމެ މީހަކުވެސް ހަދަންވީ، އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންކޮށް، ހިތުގެ ޚާލިޞްކަމާއި ހިތްހެޔޮކަން ފާޅުކުރުމަށެވެ. އެކުވެރިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ޢީދުގެ ތަހުނިޔާ ބަދަލުކުރުމަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ބާރުއަޅުއްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ފަޤީރުންނާއި ނިކަމެތިންނަށް ޙާއްޞަ އިސްކަމެއްދީ އެއްވެސް މީހަކު ބާކީ ނުކޮށް މީހުންނާމެދު މެދު އޯގާތެރިވުމަށް ބާރުއަޅުއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ