މާލެ: 31°C
ރައީސްގެ އެޑްވައިޒަރީ ބޯޑަށް ޒުވާނުން ހޯދަނީ

ރައީސްގެ އެޑްވައިޒަރީ ބޯޑަށް ޒުވާނުން ހޯދަނީ

January 3, 2024
2 ފަހަރު ބަލާފައި
ރައީސްގެ އެޑްވައިޒަރީ ބޯޑަށް ޒުވާނުން ހޯދަނީ
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި އުފައްދަވަން ނިންމާފައިވާ "ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރސް" ބޯޑުގެ މެންބަރަކަށްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ވަނީ ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން 2 މެންބަރުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ / ސިވިލް ސޮސައިޓީތަކުން 2 މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ. މިއިން ކޮންމެ ދާއިރާއަކުން އަންހެނަކާއި ފިރިހެނެއް ބޯޑު މެންބަރުކަމަށް އައްޔަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯޑު މެންބަރަކަށްވުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހާހަމައަށެވެ. މިނިސްޓްރީން ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ޝައުގުވެރިވާ ޒުވާނުންނަށް މި ލިންކު މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ. ބޯޑުމެންބަރަކަށް ވުމަށް ހުށައަޅާ މީހުންނަނީ ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރާއި 30 ދެމެދުގެ މީހެއް ކަމުގައިވުމާއި، ތަމްސީލުކުރާ ދާއިރާއާއި ގުޅޭ ފަންނީ ގާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވެސް ވާންޖެހެއެވެ. އަދި އެމީހަކީ ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިވެގެން ނުވާނެކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ