ނިލަންދޫގެ ތަރައްގީއަށް ބޭނުންވާ 7 ކަމެއް ރައީސަށް ހުށަހަޅައިފި

ނިލަންދޫގެ ތަރައްގީއަށް ބޭނުންވާ 7 ކަމެއް ރައީސަށް ހުށަހަޅައިފި
ލިޔުން:
މިއަދު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފ.ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްކަތެއް އެމަނިކުފާނަށް ހުށަހަޅައިފިއެވެ.
އެ ބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު ނިލަންދޫ ކައުންސިލް އިދާރާގައެވެ.
އެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސްގެ ދެކަނބަލުންނަށާއި އެމަނިކުފާނުގެ އަރިހުގައި އެރަށަށް ދަތުރުކުރެއްވި ވަފުދަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސައި ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކައުންސިލާއި ބައްދަލު ކުރެއްވުމުގެ ކުރިން ރައްޔިތުންނާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރަށުގެ ރައްޔިތުން ބޭނުންވެފައިވާ މުހިއްމު ގިނަ ކަންތައްތަކެއް ހުށައަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ ރައްޔިތުންނަށް ބޭނުންވެފައިވާ ތަފާތު ހަތްކަމެއް ރައީސް އާއި ހިއްސާކުރައްވާފައެވެ. މިކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހުރި ދަތިތައް ނައްތައިލުމާއި، ގިރާސަރަހައްދު ހިމާޔަތް ކުރުމާއި، ކައުންސިލްއިދާރާގެ އައުއިމާރާތެއް އެޅުމާއި، ފުލުހުންގެ މަރުކަޒެއް ބިނާކުރުމާއި، އަދި ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޑަޔަލަސިސް ހެދޭނެ ގޮތާއި، ހޮސްޕިޓަލްގައި އައިސީޔޫއެއް ގާއިމްކުރުމާއި، އިންޖީނުގެ ރީލޮކޭޓްކުރުމާއި، ފެރީގެ ނިޒާމްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމާއި، ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި ހިންގުމުގައި ދިމާވެފައިވާ އިމާރާތުގެ ދަތިކަން ހިމެނެއެވެ.
އޭގެ އިތުރުން، ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ، ކޮމިޓީ އެކުލެވިފައި އޮންނަ ގޮތުން، ކޮމިޓީ ހިންގުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެނދިޔުމަށްޓަކައި އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއްސަސާތަކާއި ގުޅިގެން އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގައި އިސްކަންދެއްވައި، ބަނދަރާއި، އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ނިލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓިއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައި، ރައީސްގެ އަނބިކަނބަލުން ވަނީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ. މިޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ އެހޮސްޕިޓަލްގެ ވެރިންނާއި މުވައްޒަފުންނާއި އަދި ހޮސްޕިޓަލުން ހިދުމަތް ހޯދަމުންގެންދާ އާއްމުންނާއި، ބައްދަލުކޮށްލައްވައި، ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވަވާފައެވެ.
ފ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށް ފަހުގައި، ރައީސް ވަނީ، ނިލަންދޫގައި، އަމިއްލަ ފަރާތަކުން ހިންގާ، "ތަދްރީސުލް ގުރުއާނުލްކަރީމް" ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. އެގުރުއާން ކުލާސް ހުޅުއްވައި ދެއްވުމަށް ފަހުގައި، ރައީސްގެ ދެކަނބަލުން އެގުރުއާން ކުލާސް ބައްލަވާލެއްވިއެވެ. އެ ގުރުއާން ކުލާހަކީ، ހެނދުނު ކުލާހުގެ ނަމުގައި، 1969 ވަނަ އަހަރު ފެށުނު ގުރުއާން ކުލާހެކެވެ. މިއަދު ރަސްމީކޮށް ހުޅުވި އެ ގުރުއާން ކުލާހުގެ އައު އިމާރާތުގައި 2 ކުލާސްރޫމް ހިމެނޭއިރު، މިހާރު އެ ގުރުއާން ކުލާހުގައި 100 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ.
ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ، ފ. ދަރަނބޫދޫ އަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
