މާލެ: 31°C
ރައީސް ޑރ.މުއިއްޒު މިހާރަށްވުރެ ޒިއްމާދާރުވުމަށް ކުރީގެ މާލީވަޒީރު އަމީރު ގޮވާލައްވައިފި

ރައީސް ޑރ.މުއިއްޒު މިހާރަށްވުރެ ޒިއްމާދާރުވުމަށް ކުރީގެ މާލީވަޒީރު އަމީރު ގޮވާލައްވައިފި

February 20, 2024
3 ފަހަރު ބަލާފައި
ރައީސް ޑރ.މުއިއްޒު މިހާރަށްވުރެ ޒިއްމާދާރުވުމަށް ކުރީގެ މާލީވަޒީރު އަމީރު ގޮވާލައްވައިފި
ރާއްޖޭގެ ދަރަންޏާ ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދެއްކެވުމުގައި މިހާރަށްވުރެ ބޮޑަށް ޒިއްމާދާރުވުމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޮވާލައްވައިފިއެވެ. މިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން ދެއްވަމުން ގެންދަވާ ތަގުރީރުތަކުގައި މައިގަނޑު ވާހަކައެއްގެ ގޮތުން ދައްކަވަމުން ގެންދަވަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ރާއްޖެ 120 ބިިއަން ރުފިޔާއިން ދަރުވާލާފައި އޮތް ވާހަކައެވެ. މި ދަރަންޏަކީ އެމްޑީޕީ ސަރުކާރުން ވާރުތަވެގެން އައި ބޮޑު ގޮންޖެހުމެއްކަމަށް ރައީސް ވަނީ އެކިފަހަރުމަތިން ވިދާޅުވެފައެވެ. ރައީސް ޑރ.މުއިއްޒު މިހާރު ދައްކަވަމުންދާ ދަރަނީގެ ވާހަކަތަކަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރައްދު ދެއްވަވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ދަޢުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާ ކަމަށެވެ. މިގޮތުން އެ ދަރަންޏަކީ ސިދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދަޢުލަތުން ސޮވްރިންގ ގެރެންޓީދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔ ހިމެނޭހެން ޖުމްލަ އަދަދު ކަމަށެވެ. https://twitter.com/iameeru/status/1759931789613654384 ދަރަނި ބޮޑުވެ ރާއްޖޭގެ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓިފައިވާކަމަށް ރައީސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ ސަރުކާރުތައް ބަދަލުވިޔަސް މި ޤައުމު ނުހުއްޓި ކުރިޔަށް ދާނޭ ކަމަށެވެ. މިގޮތުން 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އާއިރުވެސް ދަރަނި އޮތްކަމަށާއި، އަދި އަދާކުރަންވެސް ބޮޑެތި އަދަދުތަކުން ދަރަނިތައް ހުރިކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އޭރު އެބޭފުޅުން އެވާހަކަތައް ގޮވަމުން ނުދާކަމަށާއި، މިކަމުގައި ރައީސް މުއިއްޒު މިހާރަށްވުރެ ބޮޑަށް ޒިއްމާދާރު ވާންޖެހޭ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓި ދަރަނި ނިހާޔަތަށް ބޮޑުކަމަށް ރައީސް ޑރ.މުއިއްޒު މިހާރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، ރިޔާސީ ކެމްޕެއިނުތެރޭ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރޭވުންތައް ރާވައިގެން ދަރަނިތައް ފިލުވުމުގެ ގާބިލުކަން ހުންނާނޭ ކަމަށާއި، ދަރަނިތައް ހުރުމަކީ އެމަނިކުފާނަށް މައްސަލައެއް ނޫންކަމަށެވެ. އަދި ރާއްޖޭން ނަގާފައިވާ ބޮޑެތި ލޯންތައް ރީފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ރަހުމަތްތެރި ގައުމުތަކުން ދީފައިވާ ކަމަށްވެސް ރައީސް ޑރ.މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ