މާލެ: 31°C

ރައީސް ޑރ. މުއިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

January 9, 2025
2 ފަހަރު ބަލާފައި
ރައީސް ޑރ. މުއިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސް ޑރ. މުއިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްތަކަށް ޒިޔާރަތްކުރައްވައި އަދި ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. ރައީސް ވަނީ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވިދާޅުވެދެއްވާފައެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތުވެސް ރައީސް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ. މި ދަތުރުފުޅުގައި ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި އެމަނިކުފާނު ވަނީ ވަރަށް މުހިންމު، އުންމީދީ މައުލޫމާތު ތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯއްދަވައި ދެއްވުންކަން އެމަނިކުފާނު ތަކުރާރުކުރައްވާފައިވެއެވެ. އެއަމާޒަށް ވާސީލުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ކަންކަމުގެތެރޭގައި ހިމެނޭ، ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށާއި، މި ފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުންވެސް ހިއްޕެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަންކަމުގައި ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރުންކަމަށާއި ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް ހާލަތުން ސަލާމަތްކޮށް، އިގްތިސާދު ސިންދަފާތުކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތުވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތައް ކުރައްވަމުން ގެންދަވާ، ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެވެ. ރައީސް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ