މާލެ: 31°C
ރާއްޖޭގެ އިގްތިސާދަށް އޮތް ދަރަނީގެ ނުރައްކާ އަދިވެސް ބޮޑު: ވަރލްޑް ބޭންކު

ރާއްޖޭގެ އިގްތިސާދަށް އޮތް ދަރަނީގެ ނުރައްކާ އަދިވެސް ބޮޑު: ވަރލްޑް ބޭންކު

May 9, 2024
3 ފަހަރު ބަލާފައި
ރާއްޖޭގެ އިގްތިސާދަށް އޮތް ދަރަނީގެ ނުރައްކާ އަދިވެސް ބޮޑު: ވަރލްޑް ބޭންކު
ރާއްޖޭގެ އިގްތިސޯދަށް އޮތް ގޮންޖެހުމާއި ދަރަނީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ވަރލްޑް ބޭންކުން ލަފާކޮށްފިއެވެ. ވަރލްޑް ބޭންކުން އެންމެ ފަހުން އާންމުކޮށްފައިވާ ރާއްޖޭގެ ޑިވެލޮޕްމަންޓު އަޕްޑޭޓު ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 122.9 ޕަސެންޓުގައެވެ. އޭގެ ކުރީ އަހަރަށް ބަލާއިރު އަހަރު ނިމުނުއިރު މި އަދަދު ހުރީ 114.5 ޕަސެންޓުގައެވެ. އެގޮތުން، ބޭރުގެ އަދި މާލީ ނާޒުކުކަމުގެ ސަބަބުން ނުރައްކާތައް ކުރިމަތިވެދާނެ ކަމަށާއި ފިސްކަލް ރިފޯމްތަކަށް އަމަލު ނުކޮށްފި ނަމަ ދަރަނީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ވަރލްޑް ބޭންކުން ބުނެއެވެ. ހަމައެއާއެކު، މިދިޔަ އަހަރު ރާއްޖެއަށް ރިކޯޑް މިންވަރަކަށް ފަތުރުވެރިން ޒިޔާރާތް ކުރި ކަމަށާއި އެގޮތުން 1.88 މިލިއަން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ފަތުރުވެރިން އިތުރުވިނަމަވެސް އެމީހުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުރުވެ، ކުރާ ހަރަދު ކުޑަކަން ރިޕޯޓޫގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން ޖީޑީޕީ ކުރިއަރާ ނިސްބަތަށް ވެސް އަސަރު ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ސަރުކާރުން ސަބްސިޑީ އިސްލާހު ކުރުމުގެ ސަބަބުން ގޭބިސީތަކަށް ލިބޭ ހަގީގީ އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ސަރުކާރުގެ ހަރަދާއި އިންވެސްޓްމަންޓްތައް ދަށްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށް 2021 ގައި ވިއްކި މި ސުކޫކާއި އޭގެ ފަހުން ޕްރައިވެޓް ޕްލޭސްމަންޓެއް ބޭނުންކޮށްގެން ވިއްކި 100 މިލިއަން ޑޮލަރުގެ ބޮންޑުގެ ސަބަބުން ހަރަދުތައް ހަމަޖައްސަން ވަގުތީ ތަސައްލީއެއް ލިބުނަސް، 2026 ގައި އަނބުރާ އަދާކުރަން ޖެހޭތީ އިތުރު ގޮންޖެހުންތައް ވެރިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ.

ވަރލްޑް ބޭންކުން ބުނީ މާލީ ތާށިކަމުގެ މައްސަލަ ހައްލު ވާނީ މާލީ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ނޫނީ ކޮންމެވެސް ގޮތަކުން ބޭރު ފައިސާ ހޯދައިގެން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ