މާލެ: 31°C
ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް

ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް

April 7, 2024
3 ފަހަރު ބަލާފައި
ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ފެނަކައިން ކަރަންޓް ފޯރުކޮށް ދެމުން ދިޔަ އިންޖީނުގެތަކުގެ ހާލަތު ވަރަށް ދަށްކަމަށާއި މިހާރު އެ އިންޖީނުގެތަކުގައި ހުރި ޖަނަރޭޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެހެން ވިދާޅުވީ އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި ރަށްތަކުން ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއިމެދު އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ރައީސް ވިދާޅުވީ ސަރުކާރު ބަދަލުވީއިރު، ކުންފުނި ދެރުމުގެ އިތުރުން ރަށްރަށުގައި ހުރި ފެނަކަ ބްރާންޗްތައް ވެސް ހުރީ ވަރަށް ހާލުގައި ކަމަށާއި ޖެންސެޓްތަކާއި އެހެނިހެން އާލާތްތައް ހުރީ އެއްގޮތަކަށް ވެސް މެއިންޓެއިން ނުކޮށް ކަމަށެވެ. "އޭގެ ސަބަބުން އެތައް ރަށެއްގައި މި ވަނީ އެތަކެތި ބަދަލުކުރަން ވެފައި. އެއީ ހާލަތަކީ. އެހެންވީމަ އަޅުގަނޑުމެން މިހާރު އެ މަސައްކަތް ފަށައިގެން މި އުޅެނީ" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފެނަކަ ކޮޅަށް ޖެހުމަށް ކުރާ މަަސައްކަތުގެ އިތުރުން އިންޖީނުގެތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތްތައް ވެސް މިހާރު ކުރަމުންދާ ކަމަށެވެ. "އަދި ކުރިއަށް އޮތް ތަނުގައި ފެނިގެން ދާނެ ފެނަކައިގެ ހާލަތު ރަނގަޅުވެގެން ދާ ތަން. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓްގެ މައްސަލަތަކަށް ރަނގަޅު ދާއިމީ ހައްލެއް އަޅުގަނޑުމެން ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ