މާލެ: 31°C

ރާއްޖެ ތަރައްގީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްގީ ކުރެވިގެން: ރައީސް

ރާއްޖެ ތަރައްގީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްގީ ކުރެވިގެން: ރައީސް
May 27, 2023
2 ފަހަރު ބަލާފައި
ރާއްޖެ ތަރައްގީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްގީ ކުރެވިގެން: ރައީސް
ރާއްޖެ ތަރައްގީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްގީކުރެވި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ދެކަނބަލުން ފ. އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ފ. ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުވުން އޮތީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ނިލަންދޫ ރައްޔިތުންގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ރައީސް އަތޮޅުތަކަށް ކުރައްވަމުންގެންދާ ދަތުރުފުޅުތަކުގައި ރަށްރަށުގެ އާއްމު ރައްޔިތުންނާއި ބައްދަލުކުރައްވާއިރު، ނިލަންދޫ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެން މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނިލަންދޫއަށް ވަޑައިގެންނެވި އިރު ނިލަންދޫ ރައްޔިތުން އެމަނިކުފާނަށް ދަންނަވާފައިވާ ކަންކަމުގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިމި އަދި ބައެއް މަޝްރޫއުތައް މިހާރު ހިނގަމުންދާ ކަމަށެވެ. މިގޮތުން ހިންގިފައިވާ ބައެއް މަޝްރޫއުތުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަޝްރޫއުތަކުގެ މައުލޫމާތު އެމަނިކުފާނު ރައްޔިތުންނާއި ހިއްސާކުރެއްވިއެވެ. ނިލަންދޫ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބަނދަރުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ލަހެއް ނުވެ ފެށިގެންދާނެ ކަމަށެވެ ރައީސް ވިދާޅުވިއެވެ. އަދި ނިލަންދޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ނިލަންދޫ ފަޅުތެރެއިން އިތުރު ދެރަށެއް ހިއްކައި ރިޒޯޓު ތަރައްގީ ކުރުމަށް ރޭވިފައިވާކަން ހާމަކުރެއްވިއެވެ. އަދި މިސަރަހައްދުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒު ނިލަންދޫގައި ގާއިމްކުރުމަށް ރޭވިފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އެ ބައްދަލުކުރެއްވުމުގައި ނިލަންދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސް އަށް ހިއްސާ ކުރައްވާފައެވެ. އެގޮތުން، ރަށުގެ މަގުހެދުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލްގެ ތަރައްގީއަށާއި، ސްކޫލުގެ ތަރައްގީއަށް އަދި ކުޅިވަރުގެ ދާއިރާއިން ރައްޔިތުން ބޭނުންވެފައިވާ ކަންކަން ރައީސް ހިއްސާކުރެއްވިއެވެ. ރައީސް ނިލަންދޫގެ ރައްޔިތުންނާއި އެކު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި މި ރަސްމީ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ