ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނަށް އިސްލާމާއި، ދިވެހި ކިޔަވައިދިނުމަށް މީގެ ކުރިން ކުރިއަށްގެންދިޔަ ޕްރޮގްރާމް އަންނަ ހަފްތާގައި ފަށާނޭކަމަށް ތައުލީމާބެހޭ ވަޒީރު، ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތ.ވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، ދިވެހި އިސްލާމް މި މާއްދާތައް ކިޔެވެންޖެހޭނީ ހަމައެކަނި ރާއްޖޭގައި ތިބެގެން ނޫންކަން އެއީ އަދުގެ ސަރުކާރުން ގަބޫލުކުރާ ހަމައެއްނޫން ކަމަށެވެ.
ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ގައުމިއްޔަތާއި، ދިވެހި އަދި އިސްލާމް ކިޔަވައިދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއްކަން ފާހަގަކުރައްވަމުން ތައލީމާ ބެހޭ ވަޒީރު ވިދާޅުވީ، ބޭރުގައި ތައުލީމު ހާސިލްކުރަމުންގެންދާ ދަރިވަރުންނަށް އެ މާއްދާތައް ކިޔަވައިދިނުމުގެ ޕްރޮގްރާމް އަންނަ ހަފްތާގައި ފެށިގެންދާނޭކަމަށެވެ.
މިއީ ކުރިންވެސް ކުރިއަށްގެންދިޔަ ޕްރޮގްރާމެއް. އެހެންނަމަވެސް ފާއިތުވެދިޔަ ސަރުކާރުން މާބޮޑު އަޅާލުމެއް ނުދިނުމުގެ ސަބަބުން މިކަން ވަނީ ހުއްޓިފައި
ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން އެކަމާއި މާބޮޑު އަޅާލުމެއް ނުދިނުމުގެ ސަބަބުން ލަންކާ އަދި މެލޭޝިއާގައި އިސްލާމާއި ދިވެހި ކިޔަވައިދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްތައް ހުއްޓިފައިވާކަމަށެވެ. ނަމަވެސް ކަނޑައެޅޭ އައު އުސޫލުގެ ދަށުން އަންނަ ހަފްތާގައި އެ މާއްދާތައް ކިޔަވައިދޭން ފަށާނޭކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާއިރު، ޑިސެމްބަރުމަހުގެ ތެރޭގައި ކޮޕް ސަމިޓަށް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި ތިބި ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް އިސްލާމް ދީނާއި ދިވެހި ބަސް އަދި ދިވެހި ގައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ދިވެހިންނަށް ވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނޭހެން ތައުލީމީ ޕްރޮގްރާމުތައް ކުރިއަށްގެންދަވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
[caption id="attachment_97399" align="alignnone" width="800"]

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އެސްއެސްސީ އިމްތިހާނު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---[/caption]
ބޭރުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނަށް ހާއްސަކޮށް ދިވެހި އަދި އިސްލާމް މާއްދާތައް ކިޔަވައިދިނުމަށް މިދިޔަ ސަރުކާރުން ވެސް ވަނީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.
މިގޮތުން ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާސިލްކުރަމުންދާ މެލޭޝިއާގައި އެސްއެސްސީ އިމްތިހާނު ހެދޭނޭ އިންތިޒާމް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. މެލޭޝިއާގައި ދިރިއުޅެމުންދާ ދަރިވަރުންނަށް އެސްއެސްސީ އިމްތިހާނު ހެދޭނޭގޮތް ހަމަޖައްސާފައިވަނީ 2022 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.