މާލެ: 31°C

ބޮޑުވަމުން އަންނަ ކުދިންގެ ތެރޭގައި ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބުމަކީ ވިސްނަންޖެހޭ މައްސަލައެއް: ރައީސް

ބޮޑުވަމުން އަންނަ ކުދިންގެ ތެރޭގައި ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބުމަކީ ވިސްނަންޖެހޭ މައްސަލައެއް: ރައީސް
June 22, 2023
2 ފަހަރު ބަލާފައި
ބޮޑުވަމުން އަންނަ ކުދިންގެ ތެރޭގައި ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބުމަކީ ވިސްނަންޖެހޭ މައްސަލައެއް: ރައީސް
ދިވެހި މާހައުލުގައި އުޅެ ބޮޑެތިވަމުން އައިނަމަވެސް، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ފުންކޮށް ވިސްނަންޖެހޭ ގައުމީ މައްސަލައެއްކަމުގައި ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި، ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެޖަމުއިއްޔާގެ 13 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުގައި ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ ފަންނުތައް ދިރުވައި އާލާކުރުމަކީ، ދިވެހި ގައުމިއްޔަތު ނެގެހެއްޓުމުގެ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ދިވެހި ބަސް ދިރުވައި އާލާކުރުމާއި އަދަބީ ދާއިރާތަކުން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ ހިދާޔަތަށް ފަހުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ ދިވެހިންގެ މާދަރީ ބަސްކަން ފާހަގަކުރައްވައި ދިވެހިންގެ އަމިއްލަ ޅެންވެރިކަމާއި ލިޔުންތެރިކަމާއި އަދި ވަކި ފަންނެއްގެ ގޮތުގައި ވާހަކަ ދެއްކުންތެރިކަމާއި ބަހުސްކުރުން ފަދަ ދިވެންނަށް ލިބިފައިވާ އަދަބިއްޔާތުގެ މުއްސަނދިކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ދިވެހިންގެ އަދަބީ ފަންނުތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަދަރަސީ މާހައުލާއި އަދި އާންމު މުޖްތަމައުގައި އަދަބީ ފަންނުތަކަށް ދަރިންގެ ސިކުނޑިތައް ހުޅުވައިދޭ ވެއްޓެއް އޮންނަންޖެހޭނެ ކަމުގައެވެ. މީގެ އިތުރުން ކޮންމެ ބަހަކުން ތަޢުލީމު އުނގެނުނު ނަމަވެސް، އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުމަކީ، އުނގެނެމުންދާ އަނެއް ބަހުގެ މުއްސަނދިކަން ލިބިގަތުމަށް އެޅޭ ވަރަށް ބޮޑު ބާރެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ ކުދިންގެ ތޫނުފިލިކަމާއި އިލްމީ ގާބިލުކަން ވަރަށް މަތީގައި ހުރިނަމަވެސް ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރުކަން ފާހަގަކުރައްވާފައެވެ. އަދި މި މައްސަލަ ހައްލުކުރުމަކީ ސަރުކާރާއި އަދީބުންނާއި ބަހުގެ އުސްތާޒުންނާއި އަދި މުޅި މުޖުތަމަޢުގެ ވެސް މަސްއޫލިއްޔަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ އަވަސް ޙައްލެއް ނުހޯދައިފިނަމަ އިޢާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް އަދަބިއްޔާތަށް ކުރިމަތިވެދާނެ މައްސަލައެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެކި ޢުމުރުފުރާތަކަށް އަމާޒުކޮށްގެން، އެ ޢުމުރުފުރަޔަކާ އެކަށީގެންވާ، އޮއްޓަރު ހުރި ފޮތްތައް ދިވެހި ބަހުން ލިޔެ ޢާންމުކުރަމުން ގެންދިއުމަށް އަދީބުންނަށާއި ބަހުގެ އުސްތާޒުންނާ އަދި ލިޔުންތެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ކިޔަން އެކަށީގެންވާ އޮއްޓަރު ހުރި އިބްރަތްތެރި ދިވެހި ފޮތްތައް، ގިނަ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މި ޖަލްސާގައި ރައީސް ސޯލިހު ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުން 1، 2 އަދި 3 ވަނަ ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ