އިންޑިއާއިން ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.8 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އިންޑިއާއިން ހިފަހައްޓައިފިއެވެ.
އެ ތަކަތެތި އަތުލައިގެންފައިވަނީ އިންޑިއާގެ ޓަމިލްނާޑޫ ގެ ޓުޓިކޮރިން ބަނދަރުން މާލެ އަށް މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅޭ ކަމަށް އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާ ގުޅިގެން، އިންޑިއާގެ ކޯސްޓް ގާޑާ އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެން ހިންގި އޮރޭޝަނެއް ގައެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތްތަކަކީ ކޮންސެންޓްރޭޓެޑް ކެނަބިސް އެކްސްޓްރެކްޓެއް ކަމަށްވާ ހަޝިޝް އޮއިލްކަން ކަށަވަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ހަޝިޝް އޮއިލް ނުވަތަ ހަޝް އޮއިލްއަކީ ކެނަބިސްގެ އެހެން ބާވަތްތަކަށް ވުރެ ސައިކޯއެކްޓިވް ކެމިކަލް ޓީއެޗްސީ (ޑެލްޓާ-9-ޓެޓްރާހައިޑްރޯކެނަބިނޯލް) ކޮންސެންޓްރޭޝަން ވަރަށް ބޮޑަށް އެކުލެވިގެންވާ އެއްޗެކެވެ.
އިންޑިއާގެ ކޯސްޓު ގާޑުގެ ދެ އުޅަނދަކުން، މަސްތުވާތަކެތި އުފުލި ބޯޓު ހިފެހެއްޓީ ގަލްފް އޮފް މަންނާއިން މިދިޔަ ބުދަ ދުވަހު އެވެ. ގަލްފް އޮފް މަންނާ އަކީ ޓަމިލްނާޑޫ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ސަރަހައްދެކެވެ. އެ ބޯޓް ހިފަހައްޓައި ބަލައިފާސްކުރިއިރު އެ ބޯޓުން 30 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާކަމަށާއި އަދި އެ ބޯޓްގައި 9 ފަޅުވެރިންތިބިކަމަށާއި ބޯޓް މިހާރުވަނީ އިންޑިއާ ކޯސްޓްގާޑްގެ ބެލުމުގެ ދަށުގައިކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.







