މިިއީ ރާއްޖެ އަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
އެ އިދާރާއިން ބުނީ މެދުރާއްޖޭގެ ރަށްތަކަށް އިހުސާސް ކުރެވޭ ހޫނުމިން އިއްޔެ ވެސް 42 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ މާޗް އޭޕްރީލް އަކީ ރާއްޖެ ސަރަހައްދުގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ. ވިލާ މަދުވުމާއި ވައި މަޑުވުމާއި ވައިގެ ތެތްކަން ހުންނަ ގޮތުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މާ މަތިކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން މިއަހަރަކީ ވެސް އެލްނީނޯ އަހަރަކަށްވާތީ ހޫނުމިން އިތުރަށް މަތިވެދާނެކަމަށް ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ލަފާކުރެއެވެ.
އެންމެ ބޮޑަށް ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދަނީ މެންދުރުފަހު 2 ޖަހާއިރު ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް ވެސް އެރި އެވެ.
އެންމެ ހޫނު ދުވަސްވަރު މިވަނީ ރޯދަމަހާ ދިމާވެފައެވެ.