މާލެ: 31°C

ރާއްޖެއަށް 10 ދުވަހުން ބައިލައްކައަށް ވުރެ ގިނަ ޓޫރިސްޓުން!

ރާއްޖެއަށް 10 ދުވަހުން ބައިލައްކައަށް ވުރެ ގިނަ ޓޫރިސްޓުން!
March 13, 2023
2 ފަހަރު ބަލާފައި
ރާއްޖެއަށް 10 ދުވަހުން ބައިލައްކައަށް ވުރެ ގިނަ ޓޫރިސްޓުން!
މިމަހުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް ބައިލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީއިން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 11 އާ ހަމައަށް ރާއްޖެއަށް ޒިޔާރާތްކުރި ޓޫރިސްޓުންގެ އަދަދަކީ 66،657 (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަންސާސް ހަތެއް) އެވެ. މިއީ އެހެން މަސްތަކާ އަޅާ ބަލާއިރު 25.6 ޕަސަންޓް އިތުރުވުމެކެވެ. މިއާ އެކު މިއަހަރުގެ މިހައިތަނަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 417،070 އެވެ. މިމަހުގެ ފުރަތަމަ 11 ދުވަހު ކޮންމެ ދުވަހަކު 5،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައި އިރު އެންމެ ގިނައިން އައި ދުވަސް ދުވަހު އެ އަދަދު ހުރީ 6،000 އަށް ވުރެ ވެސް މަތީގަ އެވެ. މިރޭޓުން އަންނަ ނަމަ މިމަސް ނިމޭ އިރު މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ޓޫޫރިސްޓުންގެ އަދަދު 500،000 އަށް އަރާނެ ކަމަށް ބެލެވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެއްގެ ގޮތުގައި އަދި ވެސް އޮތީ ރަޝިއާ އެވެ. އެގައުމުން މިއަހަރުގެ މިހައިތަނަށް 52،291 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މިއީ ރާއްޖެއަށް މި މުއްދަތުގައި ޒިޔާރަތްކުރި ޓޫރިސްޓުންގެ 12.5 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 45،438 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިއީ ރާއްޖެއަށް މި މުއްދަތުގައި ޒިޔާރަތްކުރި ޓޫރިސްޓުންގެ 10.9 ޕަސަންޓެވެ. މި މުއްދަތުގައި ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ރާއްޖެއަށް 39،089 ޓޫރިސްޓުން ރިޔާރަތް ކުރި އެވެ. މިއީ ރާއްޖެއަށް މި މުއްދަތުގައި ޒިޔާރަތްކުރި ޓޫރިސްޓުންގެ 9.4 ޕަސަންޓެވެ. ރާއްޖޭގެ ހަތަރުވަނަ މާކެޓަކީ އިޓަލީ އެވެ. ފަސް ވަނަ މާކެޓަކީ ޖަރުމަނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން އެއްގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާގެ ޓޫރިސްޓުން މިދިޔަ ފެބްރުއަރީ މަހު އަލުން އަންނަން ފަށާފައި ވާއިރު އެގައުމު އަދި އޮތީ އަށް ވަނައިގަ އެވެ. މިއަހަރުގެ މިހައިތަނަށް ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދަކީ 12،489 އެވެ. މިއީ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ 3 ޕަސެންޓްވެ. ރާއްްޖެއަށް ޒިޔާރަތްކުރި ގިނަ ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. އެއީ މި އަހަރުގެ މިހައިތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 68 ޕަސަންޓެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ގެސްޓް ހައުސްތަކަށެވެ. އެއީ ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންގެ 24 ޕަސަންޓެވެ. މި ލިސްޓުގެ ތިންވަނާގައި އުޅެނީ ސަފާރީތަކެވެ. އެއީ ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދުން ބަލާއިރު ފަސް ޕަސަންޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ