ރާއްޖެއާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރަން ތައްޔާރު ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުއިއްޒު އިންޑިއާގެ ރައީސް އަށާއި ބޮޑުވަޒީރަށް ތަހުނިޔާ ދަންނަވައި، އެކްސް ގައި ކުރެއްވި ޕޯސްޓްގައި ރާއްޖެއިން އަބަދުވެސް އިންޑިއާއެކު އޮންނަ ގުޅުމަށް އިހްތިރާމްކޮށް އެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާކަން ހާމަކުރައްވާފައިވާތީ އެ ޕޯސްޓަށް ރަށްދުވެއްވައި މޯދީ ވިދާޅުވެފައިވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުމާއި ގުޅޭގޮތުން ރައީސް ގެންގުޅުއްވާ ހިޔާލުފުޅަށް ތާއީދުކުރައްވާ ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރަން އިންޑިއާ ތައްޔާރަށް އޮތް ކަމަށެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ރައީސް ޑރ.މުއިއްޒުގެ ވެރިކަމާއެކު ހީނަރުވި ނަމަވެސް މިހާރު އެގުޅުން ވަރުގަދަވެ އިންޑިއާއި ރައްޖެއާ ދެމެދު އެކިއެކި ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް މިހާރުވަނީ ފެށިފައެވެ.







