މާލެ: 31°C
ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުބޭއްވުނު

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުބޭއްވުނު

April 24, 2024
3 ފަހަރު ބަލާފައި
ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުބޭއްވުނު
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ގަޑި ޖެހުނު އިރު، ކޯރަމް ހަމަ ނުވުމުން ޖަލްސާ ނިންމާލާފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ 09:00 އަށެވެ. ނަމަވެސް 09:30 ވީއިރުވެސް ޖަލްސާގެ ކޯރަމް ހަމަވެފައެއް ނުވެއެވެ. އެހެންކަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ޖަލްސާ ނުބާއްވާ ނިންމަވާލައްވާފައެވެ. މިއަދުގެ ޖަލްސާގައި ވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ދެ ސުވާލެއް ކުރުމަށް އެޖެންޑާ ކޮށްފައެވެ. އެގޮތުން، މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރުވެ އިންނެވިއެވެ. އޭގެ އިތުރުން، މަޖިލީހުގައި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް ވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެއެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން ތިން ހަފުތާއެއްހާ ދުވަހު މެދުކެނޑާލުމަށް ފަހު، މަޖިލިހުގެ ފުރަތަމަ ޖަލްސާ ވަނީ އިއްޔެ ބާއްވާފައެވެ. އަދި އިއްޔެގެ ޖަލްސާގެ ކޯރަމް ހަމަވެ، ބައެއް މައްސަލަތަކުގައި ބަހުސް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މަޖިލީހުގެ ރައީސް އިއްޔެ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިހާރި ހިނގަމުންދާ 19 ވަނަ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.. އަދި މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ. އާ މަޖިލީހަށް އިންތިހާބުވި ޖުމްލަ 93 މެންބަރުން ހުވާ ކުރުން ބާއްވާނީ އަންނަ މަހުގެ 28 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ