އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވާދަކުރައްވާ ދާއިރާތަކަަށް، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކެންޑިޑޭޓުން ނުނެރެން ނިންމާފައިވާކަން މިހާރު މިވަނީ ކަށަވަރުވެފައެވެ.
އިތުރބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މިފަހަރުގެ އިންތިހާބުގައި ވެސް ގާސިމާއި ސިޔާމް ވާދަކުރައްވާނީ މިހާރުވެސް ތިއްބެވި ދާއިރާތަކަށެެވެ. އެއީ އދ. މާމިގިލީ ދާއިރާ އާއި ދ. މީދޫ ދާއިރާ އެވެ.
އެހެން ނަމަވެސް މިހާރު ދަނގެތީ ދާއިރާގެ މެމްބަރަކަށް ކުރައްވާ އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމު މިފަހަރު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާއަށެވެ.
ރިޔާސީ އިންތިހާބު ނިމި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުނު ފަހުން ޖޭޕީގެ ލީޑަރާ ވަކިން ބައްދަލު ކުރެއްވިއެވެ. އަދި އެޕާޓީގެ އިތުރު ވަފްދަކާއެކުވެސް މަޝްވަރާ ކުރެވުނެވެ. އެހެން ނަމަވެސް އެ މަޝްވަރާ ތަކުގައި ސީދާ ދެކެވުނު ވާހަކަ ނޭންގުން ނަމަވެސް އެބައްދަލުވުންތަކަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެއްކަން އެނގިފައިވެއެވެ.
މިފަދަ ދާއިރާތަށް އެހެން އެހެން ބައެއް ޕާޓީ ތަކަށް ދޫކޮށްލާއިރު އަންނަ ހޮނިހިރު ދުވަހު ޕީޕީއެމް/ ޕީއެންސީއާއި ގުޅިފައިވާ ޕާޓީތަކުން ޕްރައިމަރީ ބާއްވާނީ ބާކީ ހުރި ދާއިރާތަކުގެ ތެރެއިން އެކަކަށްވުރެ ގިނަ ކެންޑީޑޭޓުން ކުރިމަތި ލައްވާފައިވާ ދާއިރާ ތަކުގައި އެކަންޏެވެ. ޕީޕީއެމް ޕީއެންސީ އިން އިއްޔެ ހާމަކުރި މައުލޫމާތަށް ބަލާއިރު ޕްރައިމަރީއަކާއި ނުލާ 13 ދާއިރާއެއްވަނީ ކެންޑިޑޭޓުން ކަށަވަރުވެފައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް މުއިއްޒާއެކު އެއްބަސް ވުމެއްގެދޝުން (ޝަރުތަކާނުލައި) މަސައްކަތް ކޮށްފައިވަނީ އެމްއެންޕީ އިން އެކަންޏެވެ. އެހެން ކަމުން އުފެދޭ ސުވާލަކީ ކުރިން ބުނެވުނު ދާއިރާތަށް ޕީޕީއެމް ޕީއެންސީ އިން ދޫކޮށްލަނީ ކީއްވެތޯ އުފެދޭ ސުވާލެވެ.؟ މިކަމުގައި ވެފައިވަނީ ސީދާ ކޮންކަހަލަ އެއްބަސްވުންތަކެއްކަން ނޭނގުނަސް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޖުމްހޫރީ ޕާޓީވެސް ވަނީ މިހާރު ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. އެމްޑީއޭއިން ވަނީ އެކަން މާކުރިން ނިންމާފައެވެ. އިދިކޮޅު އެމްޑިޕީންވެސް ވަނީ ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު މީގެ ކުރިން ޖުމްހޫރީ ޕާޓީއަށް ފޮނުވާފައެވެ. ނަމަވެސް އެކަމުގައި އެއްބަސްވުމަކަށް އާދެވިފައި ނުވުމާއި ޕީޕީއެމް ޕީއެންސީ އިން އެޕާޓީގެ ލީޑަރ ގާސިމް ވާދަކުރައްވާ ދާއިރާއަށް ވާދަ ނުކުރަން ނިންމުމުން ސަރުކާރާ އެކު އެއްބަސް ވުމަކަށް އާދެވިފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ.






