މާލެ: 31°C
ޤާނޫނީ ހަމަތަކުގެ މަތިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހުރަހެއްނެތް: ސަރުކާރު

ޤާނޫނީ ހަމަތަކުގެ މަތިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހުރަހެއްނެތް: ސަރުކާރު

April 10, 2024
3 ފަހަރު ބަލާފައި
ޤާނޫނީ ހަމަތަކުގެ މަތިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހުރަހެއްނެތް: ސަރުކާރު
ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ޙަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމާ، އަދި ސިޔާސީ ޙަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުޞަތެއް މި ސަރުކާރުން ފަހިކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ކުރީގެ ރައީސް ޔާމިނު އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތްކުރަމުންދާ ޕީއެންއެފް ޕާޓީ އުފެއްދުމުގެ ގޮތުން މިރޭ ޢިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ އާ ގުޅޭގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނީ ހަމަތަކުގެ މަތިން ސިޔާސީ ހުރިހާ ފަރާތްތަކަށްވެސް މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރައީސް އޮފީހުން ބުނީ، އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން މިރޭ އެހީތެރިކަން ދީފައިވާކަމަށެވެ. ޢިޔާސުއްދީން ސްކޫލުގައި ޕީއެންއެފުން ބާއްވަން އުޅުނު ޖަލްސާ ފުލުހުން ލައްވައި ހުއްޓުވަން ޖެހުނު ސަބަބެއްކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމަމަށް ވާތީ ކަމަށެވެ. " ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ޙަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު މި ސަރުކާރުން ދާނީ ފަހިކޮށްދެމުންނެވެ. މި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެން، ޤައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެންނެވެ" ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން މިފަދަ ގޮތަކަށް ބަޔާނެއް ނެރުނު ނަމަވެސް، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ވިދާޅުވެފައިވަނީ ޢިޔާސުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމަށް ނިންމައި އެތަނަށް އެ ޕާޓީގެ މެމްބަރުން ހާޒިރުވީ،ސްކޫލުގެ މެނޭޖްމަންޓުން އެ ހުއްދަ ދިނުމުން ކަމަށެވެ. މިކަމުގައި ސްކޫލާއެކުހެދި އެގްރީމެންޓްވެސް އޮންނާނޭކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ