މާލެ: 31°C

ނަޝީދު ވިދާޅުވަނީ ޕްރައިމަރީއާއި ދިމާކޮށް "ކަނޑަޖަހާ އުސޫލުން" މަޝްރޫތައް ހިންގާ ކަމަށް!

January 10, 2023
2 ފަހަރު ބަލާފައި
ނަޝީދު ވިދާޅުވަނީ ޕްރައިމަރީއާއި ދިމާކޮށް "ކަނޑަޖަހާ އުސޫލުން" މަޝްރޫތައް ހިންގާ ކަމަށް!
ނަޝީދު ވިދާޅުވަނީ ޕްރައިމަރީއާއި ދިމާކޮށް "ކަނޑަޖަހާ އުސޫލުން" މަޝްރޫތައް ހިންގާ ކަމަށް!
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި ދިމާކޮށް، "ކަނޑަޖަހާ އުސޫލުން" ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންދާ ކަމަށް ތުހުމަތުކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ. މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ އެ އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން، ރައީސް ނަޝީދު ރ. ހުޅުދުއްފާރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ސަރުކާރަށް ފާޑު ވިދާޅުވެފައި ވަނީ ގިނަ މަޝްރޫއުތައް "ނަމެއްގައި" ހިންގާ ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މަގުހެދުމުގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށް ގެންދާތީ، އެމަނިކުފާނު މިސާލެއްގެ ގޮތުގައިވެސް ނެންގެވީވެސް އެ މަސައްކަތެވެ. އެގޮތުން ނަޝީދު ވިދާޅުވީ ބައެއް ރަށްރަށުގެ މަގުތައް ދެތިންފަހަރު ހަދަން ޖެހޭ ފަހަރުތައްވެސް އަންނަ ކަމަށާއި، އެ މަސައްކަތް ފަށައިގެން ސަރުކާރުން ކުރިއަށް ގެންދަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށެވެ. "އަޅުގަނޑު ކަންބޮޑުވޭ މި ބާވަތުގެ ކަންކަން އެމްޑީޕީގެ ސަރުކާރަކުން ފެންނަމުން ދާތީ، މައުމޫނީ ސިފައޭ (ރައީސް މައުމޫނަށް ނިސްބަތްކުރައްވާ) އަޅުގަނޑު އެއަށް ދަންނަވާނީ، އެއީ ހަގީގީ މަސައްކަތެއް ތާވަލް ނުކޮށް، ޕްލޭން ނުކޮށް، ވިލަރެސް ނުކޮށް، ހަމައެކަނި ބިންގަލެއް އަޅާލުމުގެ ވިސްނުން، ހަމައެކަނި ކަނޑައެއް ޖަހާލުމުގެ ވިސްނުން، ހަމައެކަނި ރިބަނެއް ކަނޑާލުމުގެ ވިސްނުން." ނަޝީދު ވިދާޅުވި އެވެ. "ފުވައްމުލަކަށް އަޅުގަނޑު ދިޔައިރު، އެތަނުގައި ކޮންމެ މަގެއް ދެފަހަރަށް އެބަ ހަދާ، އެއީ އެއްފަހަރު ހަދައިގެން އެކޮޅާއި މިކޮޅާއި ދިމާނުވާނުވަނީ، އަނެއްކާވެސް ގުޅާލާފައި ހަދަނީ، މަގެއް ހެދުމުގައި ހަތަރު އަހަރު ފަސް އަހަރު މި ހޭދަވަނީ، ހަގީގަތުގައި ހޭދަވަމުން މިދަނީ އަޅުގަނޑުމެންނަށް އެކަން ކުރަން ނޭނގޭތީ،" ނަޝީދު ވިދާޅުވި އެވެ. ތާރު މަގުތައް ހެދުމުގެ މަސައްކަތަކީ ދިވެހިންނަށް އާ މަސައްކަތެއްގެ ވިދާޅުވަމުން ނަޝީދު ވަނީ ބޭރުގެ ފަންނީ އެހީތެރިކަން ނުވަތަ ސިވިލް އިންޖިނެއިރެއް ކޮންމެ ރަށެއްގައިވެސް މަގު ހަދާއިރު ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.  އެހެން ނަމަވެސް މަގުތަކުގެ މަސައްކަތް ކުރަމުންދަނީ އާރުޑީސީ ކިޔާ ސަރުކާރުގެ ކުންފުންޏަކުން ކަމަށާއި، އިންތިހާބަކާއި ދިމާކޮށް ސިޔާސީ އެތައް ބަޔަކަށް އެ ކުންފުނިން ވަޒީފާ ދޭ ކަމަށް ނަޝީދު ތުހުމަތުކުރެއްވި އެވެ. މި ވާހަކަތަކަށްފަހު، ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރަން 30 އަހަރު ތެރޭގައި ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް ރަށްރަށަށް ކަނޑަ ޖައްސުވާކަމަށް ވިދާޅުވެފަ އެވެ. އަދި އެގޮތަށް މި ސަރުކާރުންވެސް އަމަލުކުރަމުން ދާކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް އިބްރާހިމް ސޯލިހްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެއްވެސް ޕްލޭނެއް ނެތި ކަނޑަޖަހަމުން ދަނީ ރައްޔިތުންނަށް "ދަޅަ" ދެއްކުމަށް ކަމަށާއި "ވޯޓު" ހޯދުމަށް ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ