"ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޕްރައިމަރީގައި 32 އަންހެނުން ވާދަކޮށްގެން އެންމެ އަންހެނަކަށް ކާމިޔާބު ކުރެވުމުންނާއި ޕްރައިމަރީއަކާ ނުލައި ޕާޓިގެ ޓިކެޓު އެންމެ އަންހެނަކަށްވެސް ނުދިނުމުން ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރައްވާނަމޭ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީއްވެ ބާއޭ ހިތަށް އަރާ" އަނީސާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.އަނީސާ އަކީ، ދިގު މުއްދަތެއްވަންދެން އެކި ދާއިރާތަކުން ހިދުމަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ނައިބު ރައީސްކަން ވެސް އަނީސާ ކުރެއްވި އެވެ. https://twitter.com/AneesaAhmed19/status/1751543823786983557 މާލޭގެ ގިނަ ދާއިރާތަކަށް އަންހެނުން ކެންޑިޑޭޓުން ކުރިމަތިލި ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުވިއެވެ. ފާހަގަކޮސްލެވޭ ކެންޑިޑޭޓުންގެ ތެރޭގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރެއްވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ހުރާ ދާއިރާ އަކަށް ވާދަކުރެެއްވި ކުރީގެ މެންބަރު އަނާރާ ނައީމަށް ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ބޮޑު ނާކާމިޔާބަކާއެވެ.
ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ގިނަ އަންހެން ބޭފުޅުން ނެރުމަކީ އެ ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. އެކަން އެގޮތަށް ކުރުމަށް އަންހެން މެންބަރުންނަށް ޕާޓީން ހާއްސަ އެލެވެންސެއް ދޭން ނިންމަވައި، އަންހެނުން ސިޔާސީ މައިދާނުގައި ބާރުވެރިކުރުމަށް ވޯކްޝޮޕްތައް ވެސް ބޭއްވިއެވެ.
ނަމަވެސް، ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަކާ ނުލައި 13 ދާއިރާއެއްގެ ޓިކެޓް ކަށަވަރުވެފައިވާއިރު، އޭގެ ތެރޭގައި ވެސް ހިމެނެނީ އެންމެ އަންހެން ކެންޑިޑޭޓެކެވެ. އެއީ ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާއެވެ.







